ޚަބަރު

"ހިޔާ" މަޝްރޫޢުގެ ބިންގާ އެޅުމަށް ބާއްވާ ރަސްމިއްޔާތު ފަސްކޮށްފި


ރާއްޖޭގެ ތާރީޙުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ "ހިޔާ" މަޝްރޫޢުގެ ބިންގާ އެޅުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ވިއްސާރަވުމުގެ ސަބަބުން ފަސްކޮށްފިއެވެ. މި ރަސްމިއްޔާތު ފަސްކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެއަށެވެ.

މިއީ ގާތްގަނޑަކަށް ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢެކެވެ. 

މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކުރިއަށް ނުގެންދާވަރުގެ ބިޔަ މަޝްރުޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. އަދި މިއީ ސަރުކާރު ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކެއް އަދި އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން، އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.