ޚަބަރު

ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކުރަން ނިންމައިފި


ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ހަތާވީސް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ ބެޖެޓް މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރަކީ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ އަހަރެއްކަމަށެވެ. އެގޮތުން އެ ބަދަލު އަންނާނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާ، އާ މުޤައްރަރު ތަންފީޒުކުރުމުގެ މަސައްކަތް ނިންމައިގެންކަމަށެވެ. މި ކަންކަމަށް ބަޖެޓުގައި 154 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނޭކަމަށްވެސް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއާއެކު ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުންކޮށް ދަރިވަރުން ގެންދަންޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލުކުރެވިގެންދާނެކަމަށް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ. އަދި ކިޔަވައިދިނުމާއި، ހޯމްވަރކް ދިނުމާއި، ކިލާހުގައި ކުދިންގެ ފެންވަރު ބެލުމުގެ ވައްޓަފާޅި ޒަމާނާ އެއް ހަމައަށް މި ބަދަލާއި އެކު އަންނާނެކަން މިނިސްޓަރ ފާހަގަކުރުރެއްވިއެވެ. ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މި މަޝްރޫޢުގެ ސަބަބުން ޓެކްސްޓް ފޮތްތައް ޗާޕުކުރުމަށް ދައުލަތުން ކުރާ ހޭދަ މެދުރާސްތާގައި ކުޑަކުރެވި، މުސްތަޤްބަލުގައި ދައުލަތުން މިހާރު މިކަމަށް ކުރާ ޚަރަދަށް ލުއިކަމެއް ގެނެސްދޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ތއުލީމީ ދައިރާއަށް ކަނޑައަޅުއްވާފައިވާ ބައެއް ބައިތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން  ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މަތީ ތަޢުލީމުގެ ފުރުސަތުތައް އެތައް ގުނައެއް ބޮޑުކުރުމަށް ރޭވިފައިވާ ބަޖެޓެއްކަމަށެވެ. އެގޮތުން މަތީ ތަޢުލީމުގެ ފުރުސަތުތަކަށް 210 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ. މި ޢަދަދާއެކު އަންނަ އަހަރު ގިނަ ޢަދަދެއްގެ ކުދީންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ލިބޭނޭ މަގު ފަހިވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.