އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެޤައުމު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް، މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތަކީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.