ދުނިޔެ

މިޔަންމާގެ އަސްކަރިއްޔާއިން ތަޙުޤީޤީ ރިޕޯޓެއް ޢާއްމުކޮށްފި


މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެއްވެސް ޖަރީމާއެއް ހިންގާފައިނުވާނެ ކަމަށް ބުނެ، މިޔަންމާގެ އަސްކަރިއްޔާއިން ރިޕޯޓެއް ޢާއްމުކޮށްފިއެވެ.

އެ ޤައުމުގެ އަސްކަރިއްޔާއިން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެއްވެސް ޖަރީމާއެއް ހިންގާފައިނުވާނެ ކަމަށާއި، މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް، މިޔަންމާގެ ސަރުކާރުން އަމިއްލައަށް ކޮށްފައިވާ ތަހުޤީޤެއްގެ މައްޗަށް ކަމަށް ބުނެ ޢާއްމުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވެއެވެ.

މިފަދަ ދޮގު ރިޕޯޓެއް މިޔަންމާގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ޢާއްމުކުރި ނަމަވެސް، މިޔަންމާގެ އަސްކަރިއްޔާގެ ޝިކާރައަކަށް ގިނަ ޢަދަދެއްގެ ރޮހިންޔާ މުސްލިމުން ވެފައިވާކަމަށާއި، މިޔަންމާ ދޫކޮށް 600،000 މީހުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބުނެއެވެ. މީގެ އިތުރުން، އިތުބާރުހުރި މަސްދަރުތަކުން ޢާއްމުކޮށްފައިވާ ސެޓަލައިޓް ފޮޓޯތަކުން ދައްކާގޮތުގައި މިޔަންމާގައި ދިރިއުޅޭ އަވަށްތައް އަންދާ އެކީ ސުންނާފަތިކޮށްފައިވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ތަހުޤީޤުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތަށް އެ ޤައުމުގެ ބުދިސްޓް ސަރުކާރުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭކަމަށް އެ ޖަމާޢަތްތަކުން ބުނެއެވެ.