ކުޅިވަރު

"ފަލަސްތީން އަތުން މޮޅުވެ ފާޑުކިޔުންތައް ބަދަލްކޮށްލަން ބޭނުން"


ދެވަނަ ބުރުގެ ފުރުސަތު ނެތްނަމަވެސް ފަލަސްތީން އަތުން މޮޅުވެ ގައުމީ ޓީމަށް އަމާޒުވަމުންދާ ފަޑުކިޔުންތައް ބަދަލުކޮށްލަން ބޭނުންވާކަމަށް ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނީ ފަލަސްތީން މެޗަށް ނިކުންނައިރު ކުޅުންތެރިން ފުރިހަމައަށް ފިޓްނޫންކަމަށެވެ. 

33 ގަނޑިއިރުގެ ދަތުރަކަށްފަހު ކުޅުންތެރިން ފިޓްނުވާނެކަމަށާއި އިސްރާޢީލުން ކޮންޓްރޯލް ކުރަމުންދާ ފަލަސްތީީން ބޯޑަރުގައިވެސް 6 ގަނޑިއިރު ވީކަމަށެވެ. ކޯޗް ޑަރެން ބުނީ ކުޅުންތެރިން ކިތަންމެ ވަރުބަލި ވެފައިތިބިނަމަވެސް، އެއްވެސް ކުޅުންތެރިއަކު، ބަލިވާން ބޭނުން ނުވާކަމަށެވެ. 

ފަލަސްތީީނަކީ ވަރުގަދަ ޓީމްއެއްކަމަށާއި މެޗުން ކުޅުންތެރިން ދަނޑުން ފައިބަންވާނީ ކޮންމެ ކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ދެއްކުމަށްފަހުގައިކަމަށްވެސް ކޯޗް ބުންޏެވެ.

"ކުޅުންތެރިންތިބީ ވަރަށް ވަރުބަލިވެފައި، މެޗަށް ފިޓުވުމަކީ ބޮޑު ޗެލެންޖެއް، އަހަރުމެން މިތަނަށް އައީ ބަލިވާކަށްނޫން، މޮޅުވުން އަޒުމަކީ" ކޯޗު ސްޓެވާޓް ބުންޏެވެ. 

ގައުމީ ޓީމްގެ ކެޕްޓަން އަައްސަދު އަލީ ބުނީ ފަލަސްތީން ބަލިކޮށްގެން ރާއްޖެއަށް ދެވަނަ ބުރަށް ނުދެވުނު ނަމަވެސް، އެއްވެސް ކުޅުންތެރިއަކު މެޗް ފަސޭހަކޮށްލަން ބޭނުން ނުވާކަމަށެވެ. އަދި ފަލަސްތީންގައި މެޗް ކުޅުނުކަމަށް ވީނަމަވެސް ރާއްޖެއިން މެޗްގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ހިތްްވަރު ކުރާނެކަމަށް އައްސަދު ބުންޏެވެ.

"ދެވަނަ ބުރަށް ނުދެވުނަސް ހަމަ މޮޅުވާން ބޭނުމީ، ވަކި ފަލަސްތީންވީމަ ބިރުން ނުތިބޭނަން" އައްސަދު ބުންޏެވެ.

ފަލްސްތީނާއި ރާއްޖެ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ އިރުއޮއްސި ހަތެއް ޖަހާއިރެވެ.