ސިއްހަތު

ހަކުރު ބަލި - ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް


ހަކުރު ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސަތާރަހާހަށްވުރެ ގިނަ މީހުންނަކީ ހަކުރު ބަލި ހުރި މީހުންނެވެ. ހަކުރު ބައްޔަކީ، ބަލީގެ ކުރީކޮޅު، ދޭންވާ ސަމާލުކަން އެންމެ ފުރިހަމައަށް ދެވިއްޖެނަމަ، ސަލާމަތްވެވިދާނެ ބައްޔެއްކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. މި ބައްޔާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި އަންނަނީ ދުވަހެއް ފާހަގަކުރަމުނެވެ. އެގޮތުން ބައިނަލް އަޤްވާމީގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރަކީ "ވިމެން އެންޑް ޑައިބެޓީސް، އަވަރ ރައިޓް ޓު އަ ހެލްތީ ފިއުޗަރ" ނުވަތަ "އަންހެނުންނާއި ހަކުރު ބަލި  ދުޅަހެޔޮ ކުރިމަގު، އަހަރެމެންގެ ހައްޤެއް". މި ޝިޢާރެވެ.

ހަކުރު ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ، ގައިން ގަޔަށްނާރާ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޗިސްމެއިން އިންސިއުލިން އުފައްދައިނުދިނުމުން ނުވަތަ ހަށިގަނޑުގައި އުފެދޭ އިންސިއުލިން އެކަށީގެންވާގޮތަށް ހަށިގަނޑަށް ބޭނުންނުކުރެވުމުގެ ސަބަބުންނެވެ. އިންސިއުލިންއަކީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްމިނެއްގައި ހިފަހައްޓައިދޭ ހޯރމޯނެކެވެ. މި ހޯރމޯން މަދުވުމުން ނުވަތަ އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވިއްޖެނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދެއެވެ. އަދި އެކަށީގެންވާ ފަރުވާ ޤަވާޢިދުން ނުކުރެއްވިއްޖެނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު ދިގު މުއްދަތަކަށް މަތީގައި ހުރުމުގެ ސަބަބުން، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުން ލިބެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯއިން އަންދާޒާ ކުރާގޮތުގައި ހަކުރުބަލިޖެހިފައިވާ 350  މިލިއަން މީހުން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާއިރު، ގާތްގަނޑަކަށް %9 މީހުންނެވެ.

ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި، ހަކުރު ބަލި ޖެހިފައިވާ 71 މިލިއަން މީހުން ދިރިއުޅޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކުރެއެވެ. ރާއްޖޭގައި ހަކުރުބަލި ޖެހިފައިވާ ނިސްބަތް ގާތްގަނޑަކަށް %8 ގައި ހުރިއިރު، ހަކުރު ބައްޔަށް މަގުފަހިވާ ހިރާސްތައް ނުވަތަ އެކަމުގެ ނުރައްކަލަށް ހުށައެޅޭ ކަންތައްތައް ރާއްޖޭގައި ގިނަވެފައި، އެފަދަ ކަންކަން ހުރި މިންވަރު މަތިކަން ފާހަގަކުރެވެއެވެ.

ހަކުރު ބަލީގެ އެންމެ އާއްމު 2 ވައްތަރަކީ ޓައިޕް 1 ޑައިބެޓީޒް އަދި ޓައިޕް2  ޑައިބެޓީޒްއެވެ. މީގެ އިތުރުން ގެސްޓޭޝަނަލް ޑައިބެޓީޒް ނުވަތަ މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުން އެއީވެސް ހަކުރު ބަލީގެ ވައްތަރެކެވެ. މީގެތެރެއިން ޓައިޕް 1 ޑައިބެޓީޒްއަކީ އާއްމުކޮށް ކުޑަކުދިންނަށްޖެހޭ ހަކުރު ބަލީގެ ބާވަތެކެވެ. މިބާވަތުގެ ހަކުރުބަލިޖެހޭ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ޓައިޕް 2  ޑައިބެޓީޒް ޢާއްމުކޮށް ބޮޑެތި މީހުންނަށް ޖެހުނު ކަމުގައިވީނަމަވެސް،  މިހާރަކަށް އައިސް ޅަޢުމުރުގައި މިބަލިޖެހޭ މީހުންގެ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. އަދި މިއީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ހަލުވިމިނުގައި އިތުރުވަމުން އަންނަ އެއް ބައްޔެވެ.

ހަކުރު ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ކަރުހިއްކުން، އަދި ގިނައިން ކުޑަކަމުދާން ޖެހުން، މާގިނައިން ބަނޑުހައިވުން، ބަރުދަން ލުއިވުން، ފަލަވުން، ވަރުބަލިވުން އަދި ލޯ ފުސްވުން ފަދަ އަލާމާތްތައް ހިމެނެއެވެ. ޢާއްމުގޮތެއްގައި ޓައިޕް 1 ހަކުރުބަލީގައި ގިނަފަހަރަށް މި ޢަލާމާތްތައް ފެންނަނީ ކުއްލިގޮތަކަށެވެ. މީގެ އިތުރުން ބަނޑުގައި ރިއްސުމާއި ހޮޑުލުން ފަދަ ޢަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ. ޓައިޕް 2 ހަކުރުބަލީގެ ޢަލާމަތްތައް ފާހަގަކުރެވެނީ މަދުން އަދި ގިނަ ދުވަހުންނެވެ. އެހެންކަމުން ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންގެ ބަލި ހުރިކަން ދެނެގަތުމަށް ބައެއް ފަހަރު އެތައް އަހަރުތަކެއް ހޭދަވެއެވެ.

ހަކުރު ބަލިޖެހި، އެކަށީގެންވާ ފަރުވާ ނުކުރެވި ގިނަ ދުވަސްވާނަމަ، ހިތާއި، ލޭހޮޅިތަކާއި، ލޮލާއި، ކިޑްނީ އަދި ނާރުތަކަށްވެސް ގެއްލުން ލިބުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން ބަލީގެ ކުރީކޮޅު ބަލިހުރިކަން ދެނެގަނެ، އެކަށީގެންވާ ފަރުވާ ލިބިގަތުމަކީ ބަލީގެ ނުރައްކާ ކުޑަވެ، އޭގެ ސަބަބުން އެހެން ގުނަވަންތަކަށް ނުރަނގަޅު އަސަރުކުރުން ކުޑަކުރެވޭ ކަމެކެވެ. މިބަލީގެ ފަރުވާއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅު މިނެއްގައި ބެހެއްޓުމާއި، ހިތާއި، ލޭހޮޅިތަކަށް ގެއްލުންދޭ އެހެނިހެން ނުރައްކާތައް ކުޑަކުރުމެވެ. ލޭގެ ހަކުރު ހުންނަ މިންވަރު ވަކި މިނެއްގައި ބެހެއްޓުމަށްޓަކައި ޓައިޕް 1 ހުންނަ މީހުންނަށް އިންސިއުލިން އަދި ޓައިޕް 2 ހުންނަ މީހުންނަށް އިންސިއުލިންއާއި ބޭސް ދެވެއެވެ. މި ބޭސް ނުވަތަ އިންސިއުލިން ޤަވާއިދުން ބޭނުންކޮށް ލޭގައި ހަކުރު ހުންނަ މިންވަރު ޤަވާއިދުން ޗެކްކޮށް ހެދުމަކީ މުހިއްމު ކަމެކެވެ.

އެހެންކަމުން ޢާއްމު ދިރިއުޅުމުގައި ހެލިފެލިވެ، ޙަރަކާތްތެރިވެ، ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުމާއި، ދުންފަތާއި ދުންފަތުގެ ދުމުން ރައްކާތެރިވުމަކީ ހަކުރު ބަލިޖެހުމުން ރައްކާތެރިވުމަށާއި، އަދި ބަލިޖެހުމުން އިތުރަށް ދިމާވާ ޞިއްޙީ މައްސަލަތަކުން ސަލާމަތްވުމަށްޓަކާ ކުރުން މުހިއްމު ކަމެކެވެ.