ޚަބަރު

އައިކޯސްޓުން 29 އޮފިސަރަކު ދަސްވެނިވެއްޖެ


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ކުރިއަށްގެންދިޔަ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް "ސީއެމްއެސްޕީ" ގެ ދަސްވެނިވުން ބާއްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މާފުށީ ޖަލުގައެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް "އައިކޯސްޓް" ވޫޖޫދަށް އައި ފަހުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް "ސީއެމްއެސްޕީ" އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅޭ މީހުން ތަމްރީކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމް ފަރުމާ ކޮށްފައިވަނީ 4 ސެމިސްޓާއަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމުގެ 20 ވަނަ ބުރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޢަބްދުﷲ ނަޒީފެވެ. މި ޕްރޮގްރާމުގައި 29 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މާފުށީ ޖަލުގައި ކުރިއަށްދިޔަ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވީ ޕްރިޒަން އޮފިސަރުން ކުރިމަތިލަނީ، އެކިއެކި މައްސަލަތަކާއި ގުޅިގެން ހުކުމްކުރެވި، ދައުލަތުގެ މުހިންމު ހައްޤުތަކަށާއި ރައްޔިތުންގެ ހައްޤުތަކަށް އެކި ގޮތްގޮތުން އެކިއެކި ޙާލަތްތައް ދިމާވެގެންނަމަވެސް އަރައިގެންފައިވާ މީހުންކަމަށެވެ. އަދި މި މީހުން ރިހިބެލިޓޭޓް ކުރުމާއި ބެލެހެއްޓުމަކީ ޕްރިޒަން އޮފިސަރުން ކުރަމުންދާ މުހިންމު މަސައްކަތެއްކަމަށެވެ. އެހެންކަމުން މި ދެ މަސައްކަތުގެ ތެރޭގައި ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުން ތިއްބަވާއިރު ޕްރޮފެޝަނަލް ޕްރިޒަން ސަރވިސް އަކީ ވަރަށް ވަރުގަދައަށް ދެވޭ ޚިދުމަތެއްކަމަށާއި، ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން ސަރވިސްގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކަށް ވެފައި މިއޮތީ ދިވެހިރާއްޖޭގެ ކަރެކްޝަނަލް ސަރވިސްގެ ނަން ޤާނޫނާއެއްގޮތްވާގޮތުގެ މަތިން އެކަށީގެންވާ ގޮތަކަށް ބަދަލު ގެނައުމުގެ ވިސްނުން. ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅުގެ ތެރެއިން މިހެން ހުންނަ މުވައްސަސާތަކަށް އެންމެ އެކަށީގެންވާ ނަމާއެކު އެމަސައްކަތްތައް ހިނގައިގެން ރަނގަޅަށް ދެނެގަތުމަށް ޤާނޫނީ ބޮޑެތި ބަދަލުތަކެއް އެގެންދަވަނީ ގެންނަވަމުން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް "ސީއެމްއެސްޕީ" ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގއާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސްއާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދީފައިވެއެވެ.