ދުނިޔެ

އީރާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 400 އަށް


އީރާނުގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 400 އަށް އަރައިފިއެވެ. އެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 400 އަށް އަރާފައިވާއިރު 7000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި، ބައެއް މީހުން ގެއްލިފައިވާކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

 އަދި މި ހާދިސާގައި ގެދޮރު ހަލާކުވުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންގެ ޢަދަދުވެސް ހަތްހާހަށްވުރެ އިތުރުކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ބުނެއެވެ.  ޒަޚަމްވީ މީހުން ވަނީ ކަރްމާންޝާހު ޕްރޮވިންސްގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށް ފަރުވާދޭން ފަށާފައެވެ. އީރާނުގެ ސަރުކާރުން ގެންދަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ހިޔާތައް ބިނާކުރުމަށް އެހީތެރިވެދެމުންނެވެ.  

ރިކްޓަރު މިންގަނޑުން 7.3ގެ ބާރުމިނުގައި އައި މި ބިންހެލުމުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އީރާނުގެ ކަރްމާންޝާހު ޕްރޮވިންސްގެ އަވަށްތަކަށެވެ. މި ބިންހެލުމުގެ އަސަރު އިރާޤާއި ތުރުކީވިލާތުގެ އިރު ދެކުނުގެ ބައެއް ސަރަހައްދުތަކަށް ކޮށްފައިވެއެވެ.ނަމަވެސް އެ ދެ ޤައުމަށް މާބޮޑު ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ.

ކަރްމަންޝާހުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ލޮޅުންތައް އިހުސާސްވާ ކަމަށާއި، ބިންގަނޑު އަލުން ހަމަޖެހެންދެން އެ ލޮޅުންތައް އަރާނެކަމަށް، ބިންހެލުންތަކާބެހޭ ދިރާސާތައްކުރާ އީރާނުގެ މަރުކަޒުން ބުނެއެވެ.