ދުނިޔެ

އާސިއާންގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓު އިފުތިތާޙުކޮށްފި


އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިޔަން ނޭޝަންސް (އާސިއާން) ޤައުމުތަކުގެ އިސްވެރިންގެ 20 ވަނަ ސަމިޓު، ފިލިޕީންސްގެ މެނީލާގައި އިފުތިތާޙުކޮށްފިއެވެ. މި ސަމިޓުގައި މެހުމާނެއްގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ސަމިޓް އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން ދެއްވި ޚިތާބުގައި، އާސިއާންއަކީ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާ ޖަމިއްޔާއެއް ކަމަށާއި، އެ ޖަމިއްޔާގެ މުއައްސިސުން އެޅުއްވި ބިންގަލުގެ މަތީގައި އިތުރަށް ކުރިއަރައި، ތަރައްޤީގެ އަރުތަތައް ހާސިލުކުރަމުން ގެންދާނެކަމަށް ފިލިޕީންސްގެ ރައީސް ރޮދްރިގޯ ޑުޓަރޓޭ ވިދާޅުވިއެވެ. ޑުޓަރޓޭގެ ޚިތާބުގައި ޓެރަރިޒަމާ ދެކޮޅަށް އޭނާގެ ޤައުމުން ކުރި ހަނގުރާމައަށް ދިން އެއްބާރުލުމަށްޓަކައި އާސިއާންގެ ޤައުމުތަކަށާއި ބައިނަލްއަޤުވާމީ މުޖުތަމައަށް ޝުކުރު އަދާކުރެއްވިއެވެ.

އައިއެސް ޖަމާއަތުން ފިލިޕީންސްގެ މަރާވީ ސިޓީއަށް ވެރިވެގަތުމާއެކު އެ ޖަމާއަތުގެ އަތްދަށުން އެ ސިޓީ މިނިވަންކުރުމަށް ފިލިޕީންސްގެ ސިފައިން ފަސް މަސްވަންދެން ކުރި ވަރުގަދަ ހަނގުރާމައިގައި ސަރަހައްދުގެ ޤައުމުތަކުންނާއި އެނޫން ޤައުމުތަކުން ދިން އަސްކަރީ އެހީ އާއި އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން، އަވަސްގޮތަކަށް ފިލިޕީންސްގައި އައިއެސްގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރެވުނުކަން ޑުޓަރޓޭ ފާހަގަކުރެއްވިއެވެ. މަރާވީ މިނިވަންކުރުމަށް ޕިލިޕީންސުން ކުރި ހަނގުރާމައިގައި ދެހާހެއްހާ މީހުން މަރުވެ ފަސް ސަތޭކަ ހާސް މީހުން ހާލުގައި ޖެހިފައިވެއެވެ.

މި އަހަރުގެ އާސިއާން ޤައުމުތަކުގެ އިސް ވެރިންގެ ސަމިޓުގެ އެޖެންޑާގެ ކުރީގައިވަނީ ޓެރަރިޒަމްގެ މައްސަލަ އާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މައްސަލައެވެ. މީގެ އިތުރުން އާސިއާންގެ ޤައުމުތަކުގެ މެދުގައި އިޤުތިޞާދީ އެއްބާރުލުމާއި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުންވެސް އެޖެންޑާގައި ހިމަނާފައިވެއެވެ.