ޚަބަރު

ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސްގެ ޕާޓްނަރަކަށް ޕީއެސްއެމް


ކަސްޓަމަރ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް"ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީ.އެސް.އެމްގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ މާކެޓިންގ އެންޑް އީ-ކޮމަރސް ޢިބްރާހީމް ނަސްރީނެވެ. އަދި ކަސްޓަމަރ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާޢު ސަމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ މާކެޓިންގ އެންޑް އީ-ކޮމަރސް ޢިބްރާހީމް ނަސްރީން ވިދާޅުވީ، އެކި އެކި ކުންފުނިތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތްތަކަށް ޕީ.އެސް.އެމްގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމަށެވެ. އަދި މި ކޮންފަރެންސްގެ ކަންކަންވެސް ޕީ.އެސް.އެމްގެ ޗެނަލްތަކާއި، އެކި މީޑިއަމްތަކުގައި ޕްރޮމޯޓްކުރުމަށް އެހީތެރިވާނެކަމަށެވެ.

"ޕީ.އެސް.އެމްގެ ފަރާތުން މިކޮންފަރެންސް ޕްރޮމޯޓްކުރުމަށްޓަކާ ޕީ.އެސް.އެމްގެ ހުރިހާ ޗެނަލްތަކާއި، ޕީ.އެސް.އެމްގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މި ޕްރޮޑަކްޓު މާކެޓްކުރުމާއި އަދި އޯޑިއަންސްއަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ފުރުޞަތު އަޅުގަނޑުމެން ހުރިހާ ޗެނަލްތައް މެދުވެރިކޮށްގެން ހުޅުވާލާނަން." ޢިބްރާހީމް ނަސްރީން ވިދާޅުވިއެވެ.ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ކަސްޓަމަރ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާއު ސަމަދު ވިދާޅުވީ، އެއް ދުވަހުގެ މި ކޮންފަރެންސްގައި އިޤްތިޞާދީގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާކާރުން ސްޕީކާޒުންގެ ގޮތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ފަހިކޮށްދޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި ޒިޔާޢު ސިފަކުރެއްވިއެވެ.



"ސިންގަރޕޫރު، މެލޭޝިއާ، ދުބާޢީ އަދި ލަންޑަން ފަދަ ޤައުމުތަކުން މިވަރުގެ ލައިން-އަޕެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން. އަދި ޚަރަދުވެސް ބޮޑުވާނެ. އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ތިބި މި ދާއިރާގެ މިސާލަކަށް މާކެޓިންގ ދާއިރާ ނުވަތަ ސޭލްސް ދާއިރާ އަދި ޓެކްނޮލޮޖީ ދާއިރާތަކުންވެސް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ޝަމިލުވާ ބޭފުޅުން އައިސް މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަދިނުން" ޒިޔާޢު ސަމަދު ވިދާޅުވިއެވެ.ރާއްޖޭގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ކޮންފަރެންސް އޮންނާނީ މިއަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ޕެރެޑައިޒް އައިލެންޑް ރިސޯޓުގައެވެ. މިއީ ރާއްޖޭގައި މިފަދަ ދާއިރާއަކަށް ޙާއްސަކޮށްގެން ބާއްވާ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކޮށްލެވެއެވެ.