ޚަބަރު

އިންޓެގްރިޓީ ފެސްޓިވަލްގެ ޙަރަކާތްތައް އައްޑޫސިޓީގައި ފަށައިފި


އެންޓިކޮރަޕްޝަން ކޮމިޝަން ގެ ފަރާތުން އައްޑޫސިޓީގައި ބާއްވާ ނަޒާހާތްތެރިކަމުގެ ފޯވަހި ނުވަތަ އިންޓެގްރިޓީ ފެސްޓިވަލްގެ ޙަރަކާތްތައް ފަށައިފިއެވެ.

ނޮވެމްބަރ 17 އިން 23 ގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯވަހީގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ހޭލުންތެރިކުރުމުގެ ސެޝަންތަކެކެވެ. އެގޮތުން އިއްޔެވަނީ އައްޑޫސިޓީގެ ސްކޫލުތަކުގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން އެވެއަރނެސް ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ.

ހިތަދޫގެ ބެލެނިވެރިންނަށް އައްޑޫސިޓީ ކައުންސިލް ހޯލުގައި ސެޝަން ކުރިއަށްގެންދިޔައިރު، މަރަދޫ އާއި މަރަދޫފޭދޫގެ ބެލެނިވެރިންނަށް ސެޝަން ކުރިއަށްގެންގޮސްފައިވަނީ އިސްމާއިލް ކަލޭފާނު ތުއްތު ބިލްޑިންގގައެވެ.

ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ޔޫ.އެން.ޑީ.ޕީ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމުގެ ދަށުން ހިންގާ އިންޓެގްރިޓީ ފެސްޓިވަލުގެ ފުރަތަމަ ދުވަހުގެ ބައްދަލުވުންތަކާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެވެއަރނެސް ޕްރޮގްރާމްތައް ބެލެނިވެރިންނަށް ހިންގަނީ, ގޭތެރޭގެ މާޙައުލުގައި ދަރިވަރުންނަށް ނަޒާހާތްތެރިކަން ދަސްކޮށްދީ، އެ ސިފަ އަށަގެންނެވުމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށާއި، ކޮރަޕްޝަނުން ދުރުހެލިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަށް ދަސްކޮށްދިނުމަށްކަމަށެވެ.

"މި އެވެއަރނެސް ޕްރޮގަރާމުގެ މައިގަނޑު މަޤްޞަދަކީ ނަޒާހާތްތެރި ޖީލެއް ބިނާކުރުމަށްޓަކައި، ޚާއްޞަކޮށް ނަޒާހާތްތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ދަރިވަރުންގެ ކިބައިގައި ނަޒާހާތްތެރިކަމުގެ ސިފަ އަށަގެންނެވުމަށްޓަކައި ބެލެނިވެރިންގެ ޙައިސިއްޔަތުން ގޭތެރޭގަ އަދި ކުދިން ގެންގުޅުމުގެ ތެރޭގަ ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ، ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ މައިގަނޑު ކަންތައްތަކަކީ ކޮބައިތޯ ކިޔައިދިނުން. ހަމަ އެހެންމެ ކޮރަޕްޝަނާއި ދެކޮޅަށް މަޢުލޫމާތުތަށް ފޯރުކޮށްދީ، މުޅި މުޖުތަމަޢުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ޙިއްސާކުރުން." މުއައްވިޒް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ސްކޫލްތަކުގެ ޕޭރެންޓް ޓީޗާ އެސޯސިއޭޝަންތަކުގައި ޙަރަކާތްތެރިވާ ބެލެނިވެރިންނަށް ޢަމާޒުކޮށްގެން ރާވާފައިވާ އެވެއަރނެސް ސެޝަންތަކަށް ސްކޫލްތަކުގެ ބޮޑު ތަރުޙީބެއް ލިބެމުންއަންނަކަން ފާހަގަކުރައްވައި މުއައްވިޒް ވިދާޅުވީ އެވެއަރނެސް ސެޝަންތަކުގެ ސަބަބުން ނަޒާހާތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގައި އައްޑޫސިޓީގެ ދަރިވަރުންގެ ކިބައިގައި މި ސިފަ ހަރުލެއްވުމަށް ކުރާ މަސައްކަތުގައި ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މި ސެޝަންތަކުގައި މަޢުލޫމާތުދެއްވާނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓުގެ މުވައްޒަފުންކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.

އިންޓެގްރިޓީ ފެސްޓިވަލުގެ ދެވަނަ ދުވަހު އެވެއަރނެސް ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުދޫ އާއި މީދޫ ގެ ދައުލަތުގެ މުވައްޒަފުންނަށާއި، ސްކޫލްތަކުގެ ބެލެނިވެރިންނަށެވެ.