ދީން

ތިލަދުންމަތީގައި އަލަށް އިމާރަތްކުރި 2 މިސްކިތް ހުޅުވައިފި


ތިލަދުންމަތީގައި އަލަށް ބިނާކުރި ދެ މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. 

މި ދެ މިސްކިތްވެސް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދެވެ. އިސްލާމިކް މިނިސްޓަރ ތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި  ހުޅުވައިދެއްވާފައިވަނީ  ހދ.ހަނިމާދުއާއި ހއ.ތަކަންދޫގައި ބިނާކޮށްފައިވާ ދެ މިސްކިތެވެ.

އެ ދެރަށުގައި އަލަށް ބިނާކޮށްފައިވާ މި ދެ މިސްކިތަކީވެސް އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ ދެ މިސްކިތެވެ.

މީގެ ތެރެއިން ހދ. ހަނިމާދޫގައި ބިނާކޮށްފައިވާ މަސްޖިދު މޫސާ ޢަލީ އަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހއ. ތަކަންދޫގައި ބިނާކޮށްފައިވާ މަސްޖިދުއްޝަހީދު ޢަލީ އަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު އެކި އަތޮޅުތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެކި ރަށްރަށުގައި ބިނާކޮށްފައިވާ މިސްކިތްތަކުގެ ޙާލަތު ބައްލަވާލެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.