ޚަބަރު

"ޔޫ-ފެސްޓް 2017"- ޒުވާނުންނަށް ޚާއްޞަ ފެސްޓިވަލެއް ހުޅުމާލޭގައި


މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް "ޔޫފެސްޓް 2017"ގެ ނަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީސީއިން ހުޅުމާލޭގައި ޚާއްސަ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ހުކުރުދުވަހުއެވެ. އެޗް.ޑީ.ސީއިން އާއްމުކޮށް އިންތިޒާމްކުރާ ފެސްޓިވަލްތަކާއި ޚިލާފަށް، މިފަހަރުގެ ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ.

tw:https://twitter.com/YouFestMv/status/928610131943632896

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޒައިނާ ވިދާޅުވީ، މިފަދަ ޙަރަކާތެއް އިންތިޒާމްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލެއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން އައިސް އާބާދުވެފައިވާ ރަށަކަށްވުމުން، މުޖުތަމަޢުގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާކުރުންކަމަށެވެ. އެގޮތުން މިމަހުގެ 17 ވާ ހުކުރުދުވަހުގެ ފަތިހު 5:30 އިން ފެށިގެން ގާތްގަނޑަކަށް 19 ގަޑިއިރަށް މި ފެސްޓިވަލްގެ އެކި ޙަރަކާތްތައް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޒައިނާ ވިދާޅުވިއެވެ. 

"ހުޅުމާލޭގެ އެކި ހިސާބުތަކުގައި މި އިވެންޓްގެ އެކި އެކި ހަރަކާތްތައް ހިނގަމުންދާނެ ފަތިހު 5:30 އިން ފެށިގެން އެރޭގެ 12 ޖަހަންދެން. މިފަދަ އިވެންޓެއް ބޭއްވުމަށް އަޅުގަނޑުމެން ނިންމީ ހުޅުމާލެއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން އައިސް، އާބާދުވެ ދިރިއުޅެމުންދާ ރަށަކަށްވެފައި، ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ކޮމިއުނިޓީ ފްރެންޑްޝިޕް އިތުރަށް ވަރުގަދަ ކުރުމުގެގޮތުން" ޒައިނާ ވިދާޅުވިއެވެ.

ޒައިނާ ވިދާޅުވީ، "ޔޫފެސްޓް 2017" އަކީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ޙަރަކާތެއް ނަމަވެސް، ހުރިހާ އުމުރު ފުރާއެއްގެ ބޭފުޅުންނަށްވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކުޑަކުދިންނަށާއި، ޒުވާނުންގެ އިތުރުން އުމުރުންދުވަސްވީ މީހުންނަށްވެސް ޚާއްސަ ހަރަކާތްތަކެއް މި ފެސްޓިވަލް ކުރިއަށްދާ ވަގުތު ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެކަމަށް ޒައިނާ ވިދާޅުވިއެވެ. އަދި މިއީ ހުޅުމާލޭގައި މިފަދަ ގޮތަކަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ އެއް ފެސްޓިވަލަށް ވެގެންދާނެކަން ޒައިނާ ފާހަގަކުރެއްވިއެވެ.

"ޔޫފެސްޓަކީ ހުޅުމާލޭގައި މި ސްކޭލްގައި ބާއްވާ އެންމެ ބޮޑު އިވެންޓް. މި އިވެންޓްގައި ފެނިގެންދާނެ ޒުވާނުންނަށާއި ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް ޚާއްސަ އެކި ހަރަކާތްތައް. އެގޮތުން ހެނދުނު ޔޯގާ ސެޝަނެއް ކުރިއަށްދާނެ. އެއަށްފަހު ކޭމާޓް ރޭހަކާއި، ކުޑަކުދިންގެ ހަވީރަކާއި، ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކާއި، އަދިވެސް އެކި ކަހަލަ ކުޅިވަރުތަކާއި މުބާރާތްތަކުގެ އިތުރުން، އެ ރޭ މިއުޒިކް ޝޯވ އެއްވެސް ކުރިއަށްދާނެ. މިއީ ހަމަ ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އިވެންޓެއް" ޒައިނާ ވިދާޅުވިއެވެ.

މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހާއި ދިމާކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު އެކި ޙަރަކާތްތައް ބޭއްވުމަށްޓަކާއި، ޔޫތް މިނިސްޓްރީއާއި ތަފާތު އެކި ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.