ދުނިޔެ

ސޫރިޔާގެ ސުލްހައިގެ މަހާސިންތާ ކުރިއަށްގެންދާނެ- ލަވްރޯފް


ރަޝިޔާގެ ބެލުމުގެ ދަށުން އެ ޤައުމުގެ ސޯޗީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ މަހާސިންތާ ކުރިޔަށްދާނެކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.

ވިއެޓްނާމްގެ ޑަނަންގްގައި ކުރިޔަށްދާ އޭޝިޔާ ފެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ ސަމިޓްގެ ހަވަސާގައި ދެއްވި ބަޔާނެއްގައި ލަވްރޯފް ވިދާޅުވީ، ސޫރިޔާގެ ސުލްހައިގެ މަހާސިންތާ ފަސްކުރެވިފައިވާ ކަމަށާއި މަހާސިންތާ ބާއްވާނެ އައު ތާރީޚު އަދި ކަނޑައެޅިފައި ނުވާކަމަށެވެ.

އެކަމާ ބެހޭގޮތުން ސޫރިޔާ ސަރުކާރާއި އިދިކޮޅު ޖަމާއަތްތަކާ ވާހަކަދައްކާނެ ކަމަށްވެސް ލަވްރޯފް ވިދާޅުވިއެވެ. އެމެރިކާގެ ތާއީދު ލިބިފައިވާ ސޫރިޔާގެ އިދިކޮޅު ބައެއް ލީޑަރުންވަނީ ސޫރިޔާގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އދން ކުރަމުންގެންދާ މަސައްކަތްތަކުގެ ބޭރުން، ރަޝިޔާ އިސްނަގައިގެން، އެހެން ސިފައެއްގައި އެ މަސައްކަތް ކުރާތީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

ނަމަވެސް ރަޝިޔާ އިސްނަގައިގެން ބާއްވާ ސޫރިޔާގެ ސުލްހައިގެ މަހާސިންތާއަށް ހާޒިރުވުމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ދެކޮޅުހަދާފައެއް ނުވެއެވެ.