ދުނިޔެ

ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުމައިގެން އޭޕެކް ކުރިއަށް


އޭޝިޔާ ފެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ ޤައުމުތަކުން ސޮއިކޮށްފައިވާ ވިޔަފާރީގެ އެންމެ ބޮޑު މުއާހަދާކަމަށްވާ ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުން އެމެރިކާއާ ނުލައި ކުރިޔަށްގެންދިޔުމަށް އެ ޖަމާއަތުން ނިންމައިފިއެވެ. ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުން އެހެން ސިފައެއްގައި، އެމެރިކާއާ ނުލައި ކުރިޔަށްގެންދިޔުމަށް އޭޕެކް ސަމިޓުން، އުޞޫލެއްގެ ގޮތުން ނިންމާފައިވާ ކަމަށާއި، މިއީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް، އޭޕެކްގެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ކެނެޑާގެ ވިޔަފާރިއާބެހޭ ވަޒީރު ފްރާންސުއާ ފިލީޕޭ ވިދާޅުވިއެވެ.

އޭޕެކް ޤައުމުތަކުން ސޮއިކޮށްފައިވާ ވިޔަފާރީގެ އެންމެ ބޮޑު މުއާހަދާ ކަމަށްވާ ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުމުން އެމެރިކާ ވަކިވެފައިވަނީ "އެމެރިކާ ފަރސްޓް"ގެ ނަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ގެންގުޅުއްވަންފެއްޓެވި އެކަހެރި ސިޔާސަތުގެ ދަށުންނެވެ. އެ މުއާހަދާއިން އެމެރިކާ ވަކިވީ، އޭޕެކްގައި ހިމެނޭ އެހެން ޤައުމުތަކުން އެމެރިކާގެ ބާޒާރުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މުއާހަދާއިން ލިބިދޭކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ފެބްރުއަރީމަހު ނިންމެވި ނިންމެވުމެއްގެ ދަށުންނެވެ.

އެމެރިކާއަކީ އޭޕެކްގެ އެންމެ ބޮޑު ބާޒާރު ކަމަށްވާތީ، އެމެރިކާގެ ނިންމުމުގެ ނޭދެވޭ އަސަރު އެ މުއާހަދާއަށް ވަނީ ވަރަށް ބޮޑަށްކޮށްފައެވެ. ނަމަވެސް އޭޕެކްގައި ހިމެނޭ އަނެއް އެގާރަ ޤައުމު ބޭނުންވަނީ އެމެރިކާގެ ބައިވެރިވުމާ ނުލައިވެސް ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުމައިގެން ކުރިއަށްގެންދާށެވެ. މިކަމާބެހޭގޮތުން ގޮތެއް ނިންމުމަށްޓަކައި އޭޕެކްގެ ފަންނީ ބޭފުޅުންނާއި ވިޔަފާރިއާ ބެހޭ ވަޒީރުންގެ މަޝްވަރާތައްވަނީ އިސްވެރިންގެ ސަމިޓްގެ ކުރިން ފަށާފައެވެ. އަދި މި މަޝްވަރާތަކަށްފަހު ސަމިޓުން ނިންމީ އެހެން އޮނިގަނޑެއްގެ ދަށުން، އެމެރިކާއާ ނުލައިވެސް، ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުން ކުރިއަށްގެންދިޔުމަށެވެ.

ނަމަވެސް އެ މުއާހަދާއާ ގުޅޭ އައު އޮނިގަނޑު އެކަށައެޅުމުގެ ކަންތައް އަދި މުޅިން ނިމިފައެއްނުވޭއެވެ. ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުން އެހެން ސިފައެއްގައި ކުރިޔަށް ގެންދިޔުމަށް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. މި ހުރަސްތަކާއެކު އެކަމާ ބެހޭ ފަންނީ މަޝްވަރާތައްވެސް މަޑުޖެހިގެންދިޔައެވެ.

އޭޕެކްގެ ސަމިޓްގައިވެސް ޓްރަމްޕް ވަނީ "އެމެރިކާ ފަރސްޓް" ސިޔާސަތު ދިފާޢުކުރައްވައި ވާހަކަދައްކަވާފައެވެ. އޭޕެކް ސަމިޓްގެ އެޖެންޑާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އެ ޖަމާޢަތުގެ މެންބަރު ޤައުމުތަކުގެ އިޤުތިޞާދީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވިޔަފާރީގެ މުޢާމަލާތްތައް ފުޅާކުރުމުގެ މައްޗަށެވެ. ދުނިޔޭގެ އެންމެ ބޮޑު ތިން އިޤްތިޞާދު ކަމަށްވާ ޗައިނާ އާއި އެމެރިކާ އަދި ޖަޕާން އޭޕެކްގައި ހިމެނޭއިރު، އެ ޖަމާޢަތް ވެފައިވަނީ، ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދީ ޖަމާއަތް ކަމުގައެވެ. މިގޮތުން ދުނިޔޭގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކުގެ ގާތްގަނޑަކަށް ފަސްދޮޅަސް އިންސައްތަ ހިއްސާ ކުރަނީ އޭޕެކް ޤައުމުތަކުންނެވެ.