ޚަބަރު

"ޤައުމު ބިނާކުރުމުގެ މަސައްކަތުން އެކަކުވެސް ބާކީވެގެން ނުވާނެ"


ޤައުމު ބިނާކުރުމުގެ މަސައްކަތުން ހަމައެކަކުވެސް ބާކީވެގެން ނުވާނެކަމަށާއި ސިޔާސީ ވާދައިގެ ނަތީޖާއަކީ އެއްވެސް ޙާލެއްގައި ދާޚިލީ ހަނގުރާމައަކަށް ވެގެންނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލުތަފާތުވުންތައް ޤައުމީ ހަނގުރާމައަކަށް ވިޔަނުދީ ޤައުމުގެ ތަރައްޤީގެ މަސައްކަތުގައި އެންމެންވެސް ބައިވެރިވާންވާނެ ކަމުގައެވެ. މީގެ އިތުރުން ތަފާތު ވިސްނުމުގެ ތެރެއިން ޤައުމީ ފެންވަރުގެ ހަމަނުޖެހުމެއް ނުގެނެއުމަށް އަޒުމް ކަނޑައެޅުމަށާއި އެކަމަށް ފާޅުގައި މަސައްކަތްކުރެވެން ވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި، އަޅުވެތިކަމުގެ ހިލިހިލާތައް ޤައުމެއްގައި އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ޙަމަލާތަކުގެ ތެރެއިން ނޫންކަމަށާއި މިއަދުގެ ދުނިޔޭގައި އެއް ޤައުމު އަނެއް ޤައުމުގެ މައްޗަށް އަޅުވެތިކަމުގެ ދާތައް ފަތުރަނީ، އިޤްތިޞާދީ އެކިއެކި ދަންތުރައިގެ ތެރެއިންނާއި ފިކުރީ ހަނގުރާމަތަކުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/15104279171033.jpg|ިމިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނީ -

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއަދުގެ ދުނިޔޭގައި ޤައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ އިޤްތިޞާދީގޮތުން ޤައުމު ބަލިކަށިކުރުވުންކަމަށާއި އާމްދަނީ ހޯދުމާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެހެން ޤައުމުތަކަށް ބަރޯސާކުރުވުން ކަމަށެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަށް ފަހި ސިޔާސަތުތަކެއް ކަނޑައެޅުމަކީ މިއަދުގެ އިޤްތިޞާދީ ނިންމުންތަކުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމާއި ހަނގުރާމަވެރި ޢަމަލުތައް ހިންގުމަކީ މިއަދުގެ ދުނިޔޭގައި ރޭވިގެން ހިންގޭ ފިކުރީ އަދި ޢަމަލީ ހަނގުރާމަތަކެއް ކަމަށާއި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިނުމުގެ ސިޔާސަތު ދިވެހި ދައުލަތުން ގެންގުޅޭހާ ދުވަހަކު ބޭރުގެ ފިކުރީ ހަނގުރާމަތައް ރާއްޖެއަށް އަމާޒުވެގެންދާނޭ ކަމަށެވެ.