ދުނިޔެ

މިޔަންމާގައި ހިންގާ ޖަރީމާތައް ހުއްޓާލުމަށް ކެނެޑާއިން ގޮވާލައިފި


ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ގަތްލުއާންމު ހުއްޓާލުމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިޔަންމާގެ އިސް ސިޔާސީ ލީޑަރު އައުން ސާން ސޫޗީގެ އަރިހުން އެދިވަޑައިގެންފިއެވެ.

ޓްރޫޑޯ މިކަމަށް އެދިވަޑައިގަތީ ވިއެޓްނާމުގެ ޑަނަންގައި ކުރިޔަށްދާ އޭޝިޔާ ފެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ އިސްވެރިންގެ ސަމިޓްގެ ހަވާސާގައި ސޫޗީއާ ވަކިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައެވެ. ޓްރޫޑޯ ވިދާޅުވީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގަނީ މިޔަންމާގެ ސިފައިންނާއި މިޔަންމާގެ ސަރުކާރުގެ ތާއީދު ލިބިފައިވާ ހަރުކަށި ބުދިސްޓުންކަމަށާއި، މިޔަންމާގެ ސަރުކާރުން މިޖަރީމާތައް ހުއްޓުވަންޖެހޭ ކަމަށެވެ.

މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް މަސައްކަތްކުރަމުން ގެންދިޔަ ނަމަވެސް މިޔަންމާވެސް ހިމެނޭ އޭޕެކްގެ އިސްވެރިންގެ ސަމިޓްގައި މިމައްސަލައާ ބެހޭގޮތުން ރަސްމީ ސިފައެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައެއް ނުވެއެވެ. މިޔަންމާ ސިފައިންގެ އަނިޔާވެރި އަމަލުތަކުގައި ރޮހިންޔާ މުސްލިމުންގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާއިރު ބައިމިލިޔަނަށްވުރެ ގިނަ ރޮހިންޔާއިން ވަނީ، އެމީހުންގެ ވަޒަނުން ބޭރުކޮށް، ހާލުގައި ޖައްސާފައެވެ.