ވިޔަފާރި

ޖަޕާނު ކުންފުންޏަކުން ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތްދޭނީ!


އައިލެންޑް އޭވިއޭޝަނާއި، ޖަޕާނުގެ ސެޓޯޗީ ނަމަކަށްކިޔާ ކުންފުންޏަކާ ގުޅިގެން އުފައްދާ ޖޮއިންޓްވެންޗަރ ކުންފުންޏަކުން ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ޖޮއިންޓްވެންޗަރ ކުންފުނި އުފައްދަން ހަމަޖެހިފައިވަނީ ސެޓޯޗީގެ ދަށުން ހިންގާ ކުއެސްޓް އެއަރކްރާފްޓް ކުންފުންޏާއި އައިލެންޑް އެވިއޭޝަން ގުޅިގެންނެވެ. ސީޕްލޭންގެ ޚިދުމަތް ދިނުމަށް ޤާއިމްކުރާ އައު ކުންފުނީގެ ނަމަކީ ސްކައި އެޓޯލް ޕްރައިވެޓް ލިމިޑެޓްކަމަށް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓްގައި ރިޕޯޓްކޮށްފައިވެއެވެ. 

މިޚިދުމަތް ދިނުމަށް ތައްޔާރުވަމުންދަކަން އައިލެންޑް އެވިއޭޝަނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިކަމާގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.   

މިމަޝްރޫޢު ފެށުމުގެ ގޮތުން ރާއްޖޭގައި ގިނަ އޮޕަރޭޝަނަލް އިވެލުއޭޝަންތަކެއް ހަދާފައިވާކަމަށް ކުއެސްޓް އެއަރ ކްރާފްޓް ކުންފުނީގެ ސީއީއޯ، ރޮބް ވެލްސް ބުނެފައިވެއެވެ. އަދި މިއިވެލުއޭޝަންތަކުގެ ޒަރިއްޔާއިން ރާއްޖޭގައި ސީޕްލޭން ޚިދުމަތް ދިނުމަށް އެންމެ ރަނގަޅީ އެއް އިންޖީނުލީ ކޮޑިއެކް މަރުކާގެ ސީޕްލޭން ބޭނުންކޮށްގެންކަން އެނގިފައިވާކަމަށްވެސް ރޮބް ވެލްސްވިދާޅުވެފައިވެއެވެ.

މިޚިދުމަތްދޭން ފަށާ ތާރީޚު އަދި ޔަޤީންނުވިނަމަވެސް ޚިދުމަތް ފަށާއިރު މިކުންފުނީގެ ދަށުން، ކޮޑިއެކް މަރުކާގެ ހަތަރު ސީޕްލޭން ބޭނުންކުރާނެކަމަށް މައުލޫމާތުލިބެއެވެ. ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއް ހިމެނޭހެން އޮންނަ ޤައުމަކަށް ވުމުން ސީޕްލޭންގެ ކިދުމަތަކީ މުހިންމު ޚިދުމަތަކަށްވަނީވެފައެވެ.