ޚަބަރު

އދ.ގެ 8 ޤައުމެއްގެ ސަފީރުން ބައިވެރިވާ ވޯކްޝޮޕެއް ރާއްޖޭގައި


ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރެވިފައިވާ މިންވަރު ބޭރުގެ ސަފީރުންނާ ޙިއްސާކުރުމަށް ޚާއްޞަ ވޯކްޝޮޕެއް ފަށައިފިއެވެ.

އދ.ގައި އެކި ޤައުމުތައް ތަމްސީލުކުރައްވާ 8 ސަފީރުން ބައިވެރިވެވަޑައިގަންނަވާ މި ވޯކްޝޮޕްގައި، ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާޢަތާއި، މަސްވެރިކަމުގެ ސިނާއަތުގައި ދެމެހެއްޓެނިވި ތަރައްޤީގެ ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭ މިންވަރު ސަފީރުންނަށް ކިޔައި ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ވިދާޅުވީ، ކުޑަ ޤައުމެއްގެ ގޮތުގައި ރާއްޖެއޮވެ، މީގެ 50 އަށްވުރެ ގިނަ އަހަރު ކުރިން، އދ.ގެ މެމްބަރު ޤައުމަކަށްވުމުން، އދ.ފަދަ ބޮޑެތި ޖަމިއްޔާއެއްގައި ކުޑަޤައުމަކަށް އަދާކުރެވިދާނެ ދައުރާގުޅޭގޮތުން ސުވާލު ކުރެވުވުނުކަމަށެވެ. 

އެހެންނަމަވެސް މިއަދު ދިވެހިރާއްޖެއިން އެކި ރޮނގު ރޮނގުން ހޯދާފައިވާ ތަރައްޤީއާއި ކާމިޔާބީތަކުން، ކުދި ޤައުމުތަކަށްވެސް ބައިނަލްއަޤްވާމީ މުޖުތަމައުގައި އަދާކުރެވިދާނެ ދައުރު ފުޅާކަން ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކުގައި ބައިވެރިވާ ޤައުމެއްގެގޮތުގައި ރާއްޖެއިން ވާން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެކި ފެންވަރުގެ، އެކި ސަޤާފަތްތަކުގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ، ކަންކަން ޙާސިލްކުރުމަށް ލިބޭ އިތުރު ހިއްވަރެއްކަމަށް ރާއްޖެއިން ދެކެން. ހުރިހާ ޤައުމުތަކުގެ ބައިވެރިވުން ހިމެނޭ ބައިނަލްއަޤްވާމީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެނދާ މި ވޯކްޝޮޕްގައި، ބައިވެރިންނަށް ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކުގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ މިންވަރު ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ވެރިރަށް މާލެއާއި، ހުޅުމާލެ ދައްކައިލުމަށް ވަނީ ހަމެޖެހިފައެވެ.