ދުނިޔެ

ހަރީރީ އެނބުރި ވަޑައިގަތުމަށް ލުބްނާނުގެ ރައީސް ގޮވާލައްވައިފި


ސައޫދީ  ހުންނަވައިގެން މަގާމުން މަގާމުން އިސްތިއުފާ ދެއްވި ލުބްނާނުގެ ބޮޑުވަޒީރު ސަޢުދުލްހަރީރީ، ޤައުމަށް އެނބުރި ވަޑައިގަންނަވަން ޖެހޭކަމަށް ލުބްނާނުގެ ރައީސް މިޝެލް އައުން އާއި އެ ޤައުމުގެ ވާދަވެރި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެއެވެ.

ހަރީރީ ނިސްބަތްވެވަޑައިގަންނަވާ މުސްތަޤުބަލް ޕާޓީވެސް ހިމެނޭގޮތަށް ލުބްނާނުގެ ރައީސްގެ އިތުރުން ސިޔާސީ ހުރިހާ ލީޑަރުންވެސް ވިދާޅުވީ ހަރީރީ ސައޫދީގައި ހުންނަވައިގެން މަޤާމުން އިސްތިއުފާ ދެއްވި ދެއްވުމަކީ ޝައްކުތަކެއް ހުރިކަމެއް ކަމަށާ އަދި ހަރީރީ އެނބުރި ޤައުމަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވި މުއްދަތު ފާއިތުވެގެން ދިޔުމަށްފަހުވެސް އެނބުރި ވަޑައިނުގަތުމަކީ، ސައޫދީ ސަރުކާރުން ހަރީރީގެ ހަރަކާތްތަކަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވާކަމަށް ޝައްކު ކުރެވޭފަދަ ކަމެއްކަމަށެވެ.

ރޮއިޓަރސް އިން ރިޕޯޓުކުރަނީ، ހަރީރީގެ މައްސަލައިގައި ލުބްނާނުގެ ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުންނާއި ޖަމާއަތްތަކާއި ޕާޓީތައް އެއްގަލަކަށް އެރުމަކީ މި ކަމުގައި ލުބްނާނުގެ ރައްޔިތުން ކަންބޮޑުވެފައިވާ މިންވަރު ހާމަވެގެންދާ ކަމެއްކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން އީވް ލުދްރިޔާން ވަނީ، މަޤާމުން އިސްތިއުފާ ދެއްވާފައިވާ ލުބްނާނުގެ ބޮޑުވަޒީރުގެ ހަރަކާތްތަކަށް ހުރަސްއަޅާފައި ވެދާނެކަމަށާއި، އެ ފަދަ ކަމެއް ބަލައިނުގަނެވޭނެކަމަށް ވިދާޅުވެ، ވާހަކަދައްކަވާފައެވެ. ހަރީރީގެ މައްސަލައިގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.