ޚަބަރު

ޒަވިޔަނި ޔޫތް ފެސްޓިވަލް - ޒުވާނުންގެ ބޮޑު އީދެއް!


މި އަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބާއްވާ "ޒަވިޔަނި ޔޫތް ފެސްޓިވަލް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މި ފަހަރުގެ ފެސްޓިވަލަށްދީފައިވާ ދިވެހި ނަމަކީ "ޒުވާނުންގެ ތަޙުވާރު"އެވެ.

މި ފަހަރުގެ ފެސްޓިވަލް ކުރިޔަށް ދާނީ ރަސްފަންނު ސަރަޙައްދުގައެވެ.

މި ފެސްޓިވަލުގައި ވިޔަފާރިވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާއާއި، ޅެންވެރިކަމާއި، ލިޔުންތެރިކަމުގެ ދާއިރާއާއި، ކުރެހުމުގެ ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެއެވެ. މީގެއިތުރުން ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ދާއިރާއާއި، އަތްތެރިކަމުގެ މަސައްކަތާއި، ތަޢުލީމާއި، ކަސްރަތާއި، ކުޅިވަރިގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންގެ ހުނަރުތައް މި ފެސްޓިވަލުން ފެނިގެންދާނެކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މި ފެސްޓިވަލާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ޔޫތް މިނިސްޓްރީގެ އެސިސްޓެންޓް ޔޫތް އޮފިސަރ އަދި މި ފެސްޓިވަލްގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި ހަރަކާތްތެރިވާ އިސްމާޢީލް ޝިހާބު ވިދާޅުވީ، ޒަވިޔަނި ޔޫތް ފެސްޓިވަލްގެ ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ދެވޭ މި ހަދިޔާއަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށެވެ. އެގޮތުން ފުރަތަމަ މި ފެސްޓިވަލްގައި ބައިވެރިވުމަށް ފުރުޞަތު ދިނީ ޖުމްލަ 65 ސްޓޯލް ބައިވެރިކުރުމަށް ކަމަށާއި، އެހެންނަމަވެސް ލިބުން ތަރުހީބަށް ބަލައި، ޖާގަ ދެވެން އޮތް މިންވަރަކުން އިތުރު ޖާގަތައްވެސް ދިނުމަށް ނިންމާފައިވާކަމަށް ޝިހާބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ފެސްޓިވަލަށް ހުޅުވާލިއިރު އެންމެ ފުރަތަމަ ކަނޑައަޅާފައި އިންނާނީ 65 ސްޓޯލް މުޅިއެކު ދޫކޮށްލަން. ނަމަވެސް އެޕްލިކޭޝަންސްތައް އައިއިރު މި އަދަދު އިތުރުވެގެންދިޔުމާއެކީ، އަޅުގަނޑުމެން ބޭނުންމެއްނޫން އެއްވެސް ބަޔަކު ބާކީކޮށްލަން. އެހެންކަމުން މިހާ ހިސާބަށް ލިބިފައިހުރި އެޕްލިކޭޝަންސްތައް އިވެލުއޭޓްކުރުމަށްފަހު، ޖާގަދެވެން އޮތްވަރަކުން އިތުރު ޖާގަތައް ދޭނަން. މިހާރުވެސް ގާތްގަނޑަކަށް 70 އަށްވުރެ ގިނަ ސްޓޯލް ޖެހިގެންދާނެކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ" ޝިހާބު ވިދާޅުވިއެވެ. 

މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ޔޫތް މިނިސްޓްރީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.