ވިޔަފާރި

އޮކްޓޯބަރު މަހުވެސް އެމްއެމްއޭގެ ރިޒާވް އިތުރުވެއްޖެ!


މަރުކަޒީ ބޭންކް, އެމްއެމްއޭގެ ރިޒާވް 335.4 މިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ މަހު އެ ބޭންކްގެ ރިޒާވަށް ވަނީ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވެފައެވެ. މިއީ %5 އިތުރުވުމެކެވެ. މި އަދަދާއި އެކު އެމްއެމްއޭގެ ރިޒާވްގެ ޖުމްލަ 335.4 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ސެޕްޓެމްބަރުމަހުގެ ނިޔަލަށް މަރުކަޒީ ބޭންކްގެ ރިޒާވް ހުރީ، 322.2 މިލިއަން ރުފިޔާގައެވެ.

މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 519.7 މިލިއަން ޑޮލަރުގައެވެ. އަދި ވަގުތުން ވަގުތައް އެމްއެމްއޭއިން ބޭނުން ކުރުމަށް ހުންނަ ރިޒާވް ހުރީ 191.9 މިލިއަން ޑޮލަރުގައެވެ. 

ރާއްޖޭގެ މިހާރު ކުރިޔަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް އިތުރުވަމުން ދިޔަ ނަމަވެސް ޑޮލަރުގެ ރިޒާވް ދަށަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތަކުން ދައްކައެވެ.