ސިއްހަތު

އޭ.ޑީ.ކޭ ބައިނަލްއަޤްވާމީ ފެންވަރުގައި އެކްރެޑިޓްކުރަނީ


ކުރިޔަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އޭ.ޑީ.ކޭ އަކީ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ބޯޑަކުން އެކްރެޑިޓްކޮށްފައިވާ ހޮސްޕިޓަލަކަށް ވެގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އޭޑީކޭން ބުނީ އެ ހޮސްޕިޓަލް ބައިނަލްއަޤްވާމީ ފެންވަރުގައި އެކްރެޑިޓްކުރުމަށްޓަކާ މިހާރު ކުރިއަށްދަނީ މުވައްޒަފުންނަށް ޢަމަލީގޮތުން ބޭނުންވާ ބައެއްކަހަލަ ތަމްރީންތައް ދިނުމުގެ މަސައްކަތްކަމަށެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކަކީ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ބޯޑަކުން އެކްރެޑިޓްކޮށްފައިވާ ޚިދުމަތްތަކަކަށް ހެދުމަށްޓަކާ، އިންޑިއާގެ ނޭޝެނަލް އެކްރެޑިޓޭޝަން ބޯޑް ފޯރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑާޒް، އެން.އޭ.ބީ.އެޗްއާއެކު އެ ހޮސްޕިޓަލުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހަމަކުރުމުގެ އިތުރުންވެސް، އެ ހޮސްޕިޓަލުން ފުރިހަމަ ކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރެއެވެ. އަދި އޭ.ޑީ.ކޭއިން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު އެ ހޮސްޕިޓަލުން އަމިއްލައަށް ގިންތިކުރުމުގެ ބަދަލުގައި، ބޭރުގެ ތަޖުރިބާކާރު ފަރާތްތެއް މެދުވެރިކޮށްގެން އެ މަސައްކަތް ކުރުމުން، އެ ހޮސްޕިޓަލާމެދު އާއްމުންގެ އިތުބާރުބޮޑުވެ، ދެމުން އަންނަ ޚިދުމަތްތައް ބަލައިގަންނަ ނިސްބަތް އިތުރުވެގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ބޯޑެއްގެ ސެޓްފިކެޓް ލިބިފައިވާ ތަނަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލް ހެދުމަށްޓަކާ ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ޑޮކިއުމެންޓޭޝަންގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މުވައްޒަފުންނަށް ބޭނުންވާ ބައެއްކަހަލަ ޢަމަލީ ތަމްރީންތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްކަމަށާއި، މިއީ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީންތަކެއްކަން އައްފާލް ފާހަގަކުރެއްވިއެވެ.

"އެކްރެޑިޓްކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. އާ ޑިވެލޮޕްމަންޓްތަކާއެކު އިތުރު ކަންތައްތަކެއްވެސް އެބައާދޭ މި ޕްރޮސެސްގެ ތެރެއަށް ވަދެގެން. އެހެންނަމަވެސް މިހާރު އެކަމަށް ބޭނުންވާ ޑޮކިއުމަންޓޭޝަންގެ މަސައްކަތް ނިމިފައި މިވަނީ. އަދި ބައެއް ކަހަލަ ޓްރެއިނިންގތައް ކުރިއަށް އެބަދޭ. އެންމެ ބޮޑު އަމަލީ ޓްރެއިނިންގއެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ ފަޔަރ ފައިޓިންގ ޓްރެއިނިންގ. ހުރިހާ މުވައްޒަފުންނަށް މި ޓްރެއިނިންގ ދޭންޖެހޭ. އަޅުގަނޑުމެންވާނީ ސެކިއުރިޓީ އަދި ފަޔަރ ކަންތައްތަކާއި ގުޅޭގޮތުން މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދިނުމަށް އެމް.އެން.ޑީ.އެފާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެކަމާގުޅޭ މަސައްކަތްތަކެއް ފަށާފައި" އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ، އޭ.ޑީ.ކޭ ހޮސްޕިޓަލް ބައިނަލް އަޤްވާމީގޮތުން އެކްރެޑިޓްކޮށްފައިވާ ހޮސްޕިޓަލަކަށް ހެދުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، އެން.އޭ.ބީ.އެޗްގެ އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބިފައިވާ ރާއްޖޭގެ ފުރަތަމަ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހެދުންކަމަށެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. ކޮންމެ މުވައްޒަފަކަށްވެސް މިކަލަ އެކްރެޑިޓޭޝަނަކާ ހަމައަށްދާއިރުގައި ވަރަށް ބައިވަރު ތަމްރީންތައް ފުރިހަމަ ކުރަންޖެހޭ. ހާއްސަގޮތެއްގައި މިފަދަ ތަމްރީންތަކަކީ އެމީހުން އާއްމުކޮށް ކުރާ މަސައްކަތްތަކާއި ޚިލާފު، ތަފާތު ކަންތައްތަކެއް. އަޅުގަނޑުމެންގެ ޓާގެޓަކީ މިހާރު އަޅުގަނޑުމެންގެ ޕްރޮޖެކްޓްތައް އަމާޒުކޮށްފައި މިހިރަ ހިސާބުން، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މި ޕްރޮސެސް އެއްކޮށް ނިންމާ، ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަނެއް ހޮސްޕިޓަލަށް ހޯދުން" އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް އެ ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 3 އޮޕަރޭޝަން ތިއޭޓަރ ހިމެނޭހެން އަލަށް ޢިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސްއާއި، 80 އެނދުގެ ޕްރައިވެޓް ވޯޑުތަކުގެ 9 ބުރީގެ އައު އިމާރާތާއި، އަލަށް ހެދުމަށް ހަމަޖެހިފައިވާ 10 ބުރީގެ އެކަމަޑޭޝަން ބިލްޑިންގގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.