ދުނިޔެ

ޕުޓިން އާއި ޓްރަމްޕް ސަލާމްކުރެއްވުން މައްސަލައަކަށް ވެފައި


ވިއެޓްނާމްގައި ކުރިޔަށްދާ އޭޝިޔާ ފެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ އިސްވެރިންގެ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އާ ސަލާމްކުރައްވައި ދެބޭފުޅުން ވާހަކަދެއްކެވި މައްސަލަ ފެންމަތިވެއްޖެއެވެ.  ޓްރަމްޕް، ރަޝިޔާގެ ރައީސް ޕުޓިންއާ ސަލާންގަލާން ކުރައްވާ ބައްދަލުކުރައްވާފައި މިވަނީ، އޭޕެކް ސަމިޓުގެ ހަވާސާގައި ދެބޭފުޅުން ބައްދަލު ނުކުރައްވާނެކަމަށް ވައިޓް ހައުސްއިން ބުނެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިޔާގެ ފަސް ޤައުމަކަށް ކުރައްވާ ދިގު ދަތުރުފުޅުގައި ހުކުރުދުވަހު ވަނީ ވިއެޓްނާމްގެ ޑަނަންގަށް ވަޑައިގެން، އޭޝިޔާ ފެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެޑައިގެންފައެވެ. އެ ސަމިޓްގައި ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް ސަމިޓުގެ ހަވާސާގައި ޓްރަމްޕް، ޕުޓިންއާ ބައްދަލު ނުކުރައްވާނެ ކަމަށާއި ދެ ބޭފުޅުން މަޝްވަރާކުރައްވާނެ އެޖެންޑާއެއް ނެތްކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ނަމަވެސް ސަމިޓްގައި ބައިވެރިވި ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި ވިއެޓްނާމުގެ ރައީސް ޓްރަން ޑައި ގުއަންގް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ޓްރަމްޕް ވަނީ ޕުޓިންއާ ސަލާމްކުރައްވައި ވާހަކަދައްކަވާފައެވެ. ދެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްޞީލު ހާމަކޮށްފައެއް ނުވެއެވެ.

ޓްރަމްޕާއި ޕުޓިން ރަސްމީ ސިފައެއްގައި ބައްދަލުނުކުރެއްވި ސަބަބުތަކުގެ ތެރޭގައި، މދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނެވޭ މައްސަލައިގެ ތަޙުޤީޤުތައް އެމެރިކާގައި ކުރިޔަށްގެންދިޔުމާއި، ސޫރިޔާ އާއި ޔޫކްރޭންގެ މައްސަލައާއި، އިރުމަތީ ޔޫރަޕަށް ނޭޓޯ ފުޅާކުރާ މައްސަލަ ފަދަ މައްސަލަތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހިމެނެއެވެ. މި މައްސަލަތަކާ ގުޅިގެން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައިވާއިރު ރަޝިޔާ ގެންދަނީ އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ފާޅުގައި ގޮންޖަހައި އެމެރިކާ ފާސްކުރަން ބޭނުންވާ ޤަރާރުތައް ވީޓޯ ކުރަމުންނެވެ.

ހޮނިހިރު ދުވަހު އޭޕެކްގެ ސަމިޓް ނިންމާލުމަށްފަހު ވިއެޓްނާމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ޓްރަމްޕް ވިއެޓްނާމްގެ ވެރިރަށް ހެނޯއި އަށް ވަޑައިގަންނަވާނެއެވެ. ހެނޯއީގައި ވިއެޓްނާމުގެ ރައީސް ޓްރަން ޑައި ގުއަންގް، ރަސްމީ ސިފައެއްގައި ޓްރަމްޕާ ބައްދަލުކުރައްވައި، ދެ ބޭފުޅުންގެ ރަސްމީ ވާހަކަތައް ކުރިޔަށް ގެންދަވާނެއެވެ. އޭޕެކްގެ ސަމިޓްގެ އެޖެންޑާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އެ ޖަމާއަތުގެ މެންބަރު ޤައުމުތަކުގެ އިޤްތިޞާދީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވިޔަފާރީގެ މުއާމަލާތްތައް ފުޅާކުރުމުގެ މައްޗަށެވެ.

މި ގޮތުން އޭޕްކްގެ ޤައުމުތައް ބައިވެރިވާ ވިޔަފާރީގެ ބޮޑު މުއާހަދާ ކަމަށްވާ ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާތީ އެ އެއްބަސްވުމުގެ މުސްތަޤުބަލާބެހޭގޮތުން އެ ސަމިޓްގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. ވިއެޓްނާމަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓްރަމްޕް ދެން ވަޑައިގަންނަވާނީ ފިލިޕީންސްގެ ވެރިރަށް މެނީލާއަށެވެ. މެނީލާގައި އާސިއާންގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ޓްރަމްޕް ތަޤުރީރުކުރައްވާނެއެވެ.