ދުނިޔެ

ލުބްނާނަކީ ސަޢުދީ ރައްޔިތުންނަށް ރައްކާތެރި ޤައުމެއް ނޫން- ސަޢުދީ


ލުބްނާނުގައި ދިރިއުޅޭ ސައޫދީ ރައްޔިތުން ވީ އެންމެ އަވަހަކަށް އެ ޤައުމުން ފޭބުމަށް ސައޫދީ ޚާރިޖީ ވުޒަރާއިން ގޮވާލައިފިއެވެ.

ސައޫދީ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އެ ޤައުމުގެ ނޫސް އޭޖެންސީން ބުނީ، ލުބްނާނަކީ ސައޫދީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ޤައުމެއް ނޫންކަމަށާއި އެހެންކަމުން ލުބްނާނުގައި ދިރިއުޅޭ ސައޫދީ ރައްޔިތުން ވީ އެންމެ އަވަހަކަށް އެ ޤައުމުން ފުރުމަށް އެދޭކަމަށެވެ. އަދި މި ދުވަސްވަރު ސައޫދީ ރައްޔިތުން ލުބްނާނަށް ޒިޔާރަތް ނުކުރުމަށްވެސް ސައޫދީ ޚާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފައިވެއެވެ.

ސައޫދީ އާއި ލުބްނާނުގެ ގުޅުން ގޯސްވީ، ލުބްނާނުގެ ބޮޑުވަޒީރު ސަޢުދުލްހަރީރީ ސައޫދީ އަށް ކުރެއްވި ދަތުރުފުޅެއްގައި، ސައޫދީގައި ހުންނަވައިގެން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހަރީރީ ސައޫދީ ގައި ހުންނަވައިގެން މަޤާމުން އިސްތިއުފާ ދެއްވީ ސައޫދީ ސަރުކާރުން އޭނާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސަބަބުންކަމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް ސައޫދީ ސަރުކާރުން އެކަން ދޮގުކުރެއެވެ. ސައޫދީގެ އިތުރުން ބަހްރައިނުންވެސް ވަނީ ލުބްނާނުގައި ދިރިއުޅޭ ބަހްރައިންގެ ރައްޔިތުން، ވީ އެންމެ އަވަހަކަށް އެ ޤައުމުން ފުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުވައިތުންވެސް ވަނީ މިފަދައިން ޢަމަލުކޮށްފައެވެ.