ދުނިޔެ

ޗައިނާ އާއި އެމެރިކާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުން 253 ބިލިޔަން އެމެރިކާ ޑޮލަރުގެ އިޤުތިޞާދީ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ބެއިޖިންގައި ހުންނަ މަޝްހޫރު ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީޖިންޕިންގެ ޙާޒިރުގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެމެރިކާ އާއި ޗައިނާގެ ކުންފުނިތަކުގެ އިސްވެރިންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤުތިޞާދު ކަމަށްވާ ޗައިނާ އާއި އެމެރިކާއާ ދެމެދު ސޮއިކުރި މިއެއްބަސްވުންތަކަކީ ދެ ޤައުމުގެ އިޤުތިޞާދަށްވެސް ވަރަށް މުހިއްމު އެއްބަސްވުންތަކެކެވެ. 253 ބިލިޔަން ޑޮލަރުގެ މި އެއްބަސްވުންތައް ނިސްބަތްވާ ދާއިރާތަކުގެ ތެރޭގައި ހަކަތަ އާއި އެއްގަމު އުޅަނފުގެ ސިނާއަތާއި މަތިންދާބޯޓުގެ ސިނާއަތާއި ދަތުރުފަތުރާއި ކާބޯތަކެތީގެ ސިނާއަތްތަކާއި އިލެކްޓްރޯނިކްސް ސިނާއަތު ހިމެނެއެވެ. މި އެއްބަސްވުންތަކުގައި އެމެރިކާގެ ފަރާތުން ސޮއިކުރީ އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނެވެ.

މިއެއްބަސްވުންތަކުގެ ތެރެއިން އެންމެ ބޮޑު އެއްބަސްވުމަކީ، އެލެސްކާއިން ޤުދުރަތީ ގޭސް ހޯދައި ނެގުމަށްޓަކައި ޗައިނާއާ އެކު އެމެރިކާއިން ސޮއިކުރި 43 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން އެލަސްކާގެ ގޭހުގެ ސިނާއަތުގައި ޗައިނާއިން ސާޅީސް ތިން ބިލިޔަން ޑޮލަރު އިންވެސްޓްކުރާނެއެވެ. މީގެ އިތުރުން އެމެރިކާގެ ބޮއިނގް ކުންފުނިން އުފައްދާ ފަސިންޖަރު މަތިންދާބޯޓުތައް ޗައިނާއިން ގަތުމުގެ ތިރީސް ހަތް ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ.

އެމެރިކާ އަކީ ޗައިނާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ދެ ގައުމުގެ ދެމެދުގައި އަހަރެއްގެ މައްޗަށް 578 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެއެވެ. މީގެތެރެއިން 347 ބިލިޔަން ޑޮލަރުގެ މުދަލަކީ ޗައިނާ އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލެވެ. އެމެރިކާއިން ޗައިނާއަށް އެކްސްޕޯޓް ކުރަނީ އަހަރެއްގެ މައްޗަށް 230 ބިލިޔަން ޑޮލަރުގެ މުދަލެވެ. މިއާއެކު ދެ ގައުމުގެ ވިޔަފާރި ބެލަންސްގައި ޗައިނާ ކޮޅަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ސަތޭކަ ސޯޅަ ބިލިޔަން ޑޮލަރު އިތުރަށް ޖެހެއެވެ.