ވިޔަފާރި

ހީނަރުވި ޔޫރަޕްގެ މާކެޓް ރަނގަޅުވެއްޖެ


ހުސްވިއަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު ދިހައެއް ޕޮއިންޓް ފަހެއް އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޔޫރަޕްގެ ޤައުމުތަކުން 449،833 (ހަތަރުސަތޭކަ ސާޅީސް ނުވަހާސް އަށްސަތޭކަ ތިރީސް ތިން ) ފަތުރުވެރީން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 42،673 (ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ތިން) ފަތުރުވެރިންގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 407،160 (ހަތަރުސަތޭކަ ހަތްހާސް އެއްސަތޭކަ ފަސްދޮޅަހުގަ) އެވެ. ތަފާސްހިސާބަށް ބަލާއިރު، ޔޫރަޕްގެ މުހިއްމު ހުރިހާ މާކެޓަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މިއަހަރުގެ ކުރިއަށްއޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ބުނެއެވެ. ޓޫރިޒަމް ސީޒަނާ ދިމާކޮށް ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އެއަރލައިންތަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު ގިނަ އެއަރލައިންތަކުން ވަނީ ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރުކޮށްފައެވެ.