ތަޢުލީމު

މެޕްސް ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީގައި ބައިވެރިވުމުގެ ފުރުޞަތާއެކު މެޕްސް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މެޕްސް ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުން ވަނީ އިސްލާމިކް ބޭންކާއެކު އެކަމުގެ ރަމްޒީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މެޕްސް ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކޮލެޖްގެ ޑެޕިއުޓީ ރެކްޓަރ ޢަބްދުލް އަޒީޒް އިބްރާހީމެވެ. އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ބޭންކްގެ ހެޑް އޮފް ބިޒްނަޒް، ސަޢީދު އައްސަދު މުނީރެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓަރ ޢަބްދުލް އަޒީޒް އިބްރާހީމް ވިދާޅުވީ، މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ވީހާވެސް ހެޔޮއަގެއްގައި އެ ފުރުޞަތު ހޯދައިދިނުމަކީ އެކޮލެޖްގެ އެއް މަޤްޞަދުކަމަށެވެ. އަދި މިފަދަ އެއްބަސްވުމެއްގެ ސަބަބުން މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ތަނަވަސްވެގެންދާނެކަމަށެވެ.

"އިންސްޓޯލްމަންޓަށް ކޯސް ފީ ދެއްކޭގޮތަށް އޮތްނަމަވެސް، އަދިވެސް އެބަތިބި ފައިނޭންޝަލް އެސިސްޓެންސް ބޭނުންވާ ކުދިން. މި އިސްޓޯލްމަންޓްތައް އަދި މިއަށްވުރެ އަގުހެޔޮވެއްޖެޔާ، ނުވަތަ ޕޭމަންޓް ދެއްކުމުގެ މުއްދަތު އިތުރަށް ބަހާލެއްވިޖެއްޔާ ފަސޭހަތަކެއް ލިބޭނެކުދިން. އެހެންކަމުން މިފަދަ އެއްބަސްވުމެއްގެ ދަށުން، އެމް.އައި.ބީގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކޯސްތަކުގެ އަގު މިހާރަށްވުރެވެސް ހެޔޮވެގެންދާނެ. އަދި ފީ ދެއްކުމުގެ މުއްދަތުވެސް އިތުރުކުރެވިގެންދާނެ" ޢަބްދުލް އަޒީޒް އިބްރާހީމް ވިދާޅުވިއެވެ.އިސްލާމިކް ބޭންކްގެ ފަރާތުން ވާހަކަދައްކަވަމުން އެ ބޭންކްގެ ހެޑް އޮފް ބިޒްނަޒް ސަޢީދު އައްސަދު މުނީރު ވިދާޅުވީ، އެ ބޭންކުން ތަޢާރަފުކޮށްފައިވާ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަކީ ކިޔަވާ ކުދިންނަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ފެސިލިޓީއެއްކަމަށެވެ. އެގޮތުން މި ފެސިލިޓީ މެދުވެރިކޮށް ލޯނުގެ ގޮތުގައި 50،000 ރުފިޔާއާއި ހަމައަށް ދަރިވަރުންނަށް ނެގޭނެކަމަށާއި، ލޯން އަނބުރާ ދެއްކުމުގައިވެސް ފަސޭހަ އުސޫލްތަކެއް އެ ބޭންކުން ހަމަޖައްސާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރޮޑަކްޓަކަށް އެއްވެސް މޯގޭޖެއް ބޭނުމެއް ނުވާނެ. އަދި އެ ކުއްޖަކީ ވަޒީފާ އަދާ ނުކުރާ ކުއްޖެނަމަ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ޢާއިލާގެ އެހެންވެސް މެންބަރެއް މެދުވެރިކޮށް އަޅުގަނޑުމެންގެ މި ޕްރޮޑަކްޓަށް އެޕްލައިކުރެވޭނެ. މިއީ އެ ދަރިވަރަކަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް. އިސްލާމިކް ބޭންކްގެ އެހެން ޕްރޮޑަކްޓުތަކާއި ޚިލާފަށް، މިއީ އަޅުގަނޑުމެން އެންމެ ދިގު މުއްދަތަކަށް ދޫކުރާ ލޯނަކީ. މި ޕްރޮޑަކްޓު މެދުވެރިކޮށް ދޫކުރާ ލޯނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު އަޅުގަނޑުމެން އެބަދެން 6 އަހަރު ދުވަހަށް" ސަޢީދު އައްސަދު މުނީރު ވިދާޅުވިއެވެ.މެޕްސް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ 40 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެކޮލެޖުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓިފިކެޓް ލެވެލް، ޑިޕްލޮމާ، އެސޯސިއޭޓް ޑިގްރީ، ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ.