ތަޢުލީމު

ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި


ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިފިއެވެ.

މި އަހަރުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު މި ސްކޮލަރޝިޕްގައި ކިޔަވަން ދެވޭ ޤައުމަތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެކުރިން އެ ދަރިވަރަކު ބޭނުންވާ ޤައުމަކަށް ކިޔަވަން ދިޔުމުގެ ފުރުސަތު އޮތްނަމަވެސް މި ފަހަރު މި ސްކޮލަރޝިޕްގެ ދަށުން ސަރުކާރުން ހަރަދުގައި ކިޔަވަންދެވޭނީ މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް، ޗައިނާގެ އިތުރުން ސާރކްގެ ޤައުމްތަކަށްކަމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މި ނޫން ޤައުމަކަށް ކިޔަވަންދާން ބޭނުންވާ ކުއްޖަކަށް އެ ފުރުސަތު ދެވޭނީ އެ ކުއްޖަކު ކިޔަވަން ބޭނުންވާ ކޯހެއްގެ އަގު ހަޔަރ އެޑިއުކޭޝަނުން ކަނޑައެޅި ޤައުމުތަކުގައި އެ ކޯހަށް ހިނގާ ހަރަދަށްވުރެ ކުޑަވާނަމައެވެ. އަދި އެއްވެސް އިތުރު ހަރަދެއް ހިންގާނަމަ އެ ފައިސާއެއް ދައްކަންޖެހޭނީ އެ ދަރިވަރަކުކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އަދި އެ ދަރިވަރުންނަށް ހަޔަރ އެޑިއުކޭޝަނުން ދޭ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިންވެސް ފައިސާ ދެއްކޭނެކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.

މިއަހަރުގެ މެއި ޖޫން ގައި މަތީ ސާނަވީ އިމްތިޙާނު ހެދި ކުދިންގެ ތެރެއިން އަމިއްލަ ގޮތުން އިމްތިހާނު ބައިވެރިވި ދަރިވަރުން ފިޔަވާ ކޮންމެ ދަރިވަރަކަށްވެސް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެއެވެ. އަދި ސްކޮލަރ އަށް ކުރިމަތިލާ ދަރިވަރުންނަކީ އިސްލާމް، ދިވެހި ހިމެނޭގޮތަށް މަދުވެގެން 5 އޭ ފާސް، ހޯދާފައިވާ ދަރިވަރުންނަށް ވާންޖެހެއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ ހަތާވީހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.