ދުނިޔެ

ޚާން ޝައިޚޫނަށް ދިން ހަމަލާގެ ތަޙުޤީޤު ރަޝިޔާއިން ހުއްޓުވައިފި


ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ބުނެވޭ މައްސަލައިގެ ތަޙުޤީޤުތައް ކުރިއަށްގެންދިޔުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރެއް ރަޝިޔާއިން ވީޓޯ ކޮށްފިއެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް ފަހަތުގައި ތިބެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި އެ ޤަރާރުގެ ދެލިކޮޕީގައި، މިދިޔަ އޭޕްރީލްމަހު ސޫރިޔާގެ ޚާން ޝައިޚޫނަށް ދިންކަމަށް ބުނެވޭ ކެމިކަލް ހަމަލާގެ ޒިންމާ އަޅުވާފައިވަނީ ސޫރިޔާ ސަރުކާރުގެ ބޮލުގައެވެ. މި ދެލިކޮޕީގައި، އދ އާއި ކެމިކަލް ހަތިޔާރާ ދެކޮޅަށް މަސައްކަތްކުރާ އދގެ އިދާރާ ގުޅިގެން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމުގެ ހުއްދައަކަށް އެދިފައިވެއެވެ.

އެ ދެލިކޮޕީ ވީޓޯކުރުމަށްފަހު އދގައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫބުގެ ނާއިބު ވްލަޑިމީރް ސަފްރޮންކޯފް ވިދާޅުވީ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެވޭ މައްސަލައިގެ ތަހްގީގްތައް މިހާތަނަށް ކުރިޔަށް ގޮސްފައިވަނީ އިންސާދުވެރި ގޮތަކަށް ނޫންކަމަށެވެ. އެ ތަޙުޤީޤުތައް ކުރިޔަށްގެންދާ އުސޫލަށް ބަދަލުތައް ނުގެންނަނީސް އެކަން އިތުރަށް ކުރިޔަށްގެންދިޔުމަށް އެއްބަސް ނުވެވޭނެކަމަށްވެސް ރަޝިޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.