ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލު، ޗައިނާއަށް ވަޑައިގެންފިއެވެ. ޓްރަމްޕް، އިރުމަތީ އޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ފަސްގައުމަކީ ޖަޕާން، ދެކުނު ކޮރެޔާ، ޗައިނާ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.

މީގެ ތެރެއިން ޖަޕާނާއި ދެކުނު ކޮރެޔާއަށް ޓްރަމްޕް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

އެ ދެ ޤައުމުގެ އިސްވެރިންނާ ޓްރަމްޕް ކުރެއްވި މަޝްވަރާތަކުގެ ބޮޑުބައި އަމާޒުކުރެއްވީ އުތުރުކޮރެޔާއިން ކުރިމަތިވެދާނެކަމަށް ބެލެވޭ ނުރައްކާތަކުން އެ ދެ ޤައުމު ސަލާމަތް ކުރުމުގެ މައްޗަށެވެ. މި ގޮތުން އުތުރު ކޮރެޔާގެ ނުރައްކަލުން ދިފާޢު ވުމަށްޓަކައި އިތުރު ހަތިޔާރު ގަތުމަށް ބާރުއަޅުއްވައި، ޖަޕާނާއި ދެކުނު ކޮރެޔާގައި ޓްރަމްޕް ވާހަކަދެއްކެވިއެވެ. އަދި އެ ދެ ޤައުމުގައި ހުންނަވައިގެން ޓްރަމްޕް ވަނީ އުތުރުކޮރެޔާއަށް ހަރުކަށި އިންޒާރުތަކެއްވެސް ދެއްވާފައެވެ.

ޓްރަމްޕްގެ ބޭނުމަކީ ޖަޕާނާއި ދެކުނު ކޮރެޔާއަށް، އުތުރު ކޮރެޔާގެ ނަމުގައި ބިރުދައްކައިގެން އެމެރިކާގެ އަތުން އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަތުމަށް އެ ދެ ޤައުމަށް ޕްރެޝަރުކޮށް، އެމެރިކާއަށް ވިޔަފާރީގެ ބޮޑު ނަފާއެއް ހޯދުންކަމަށް ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޓްރަމްޕް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އުތުރުކޮރެޔާގެ މައްސަލަ ހައްލުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެއެވެ. ޓްރަމްޕްގެ ދަތުރުފުޅުގެ ކުރިން ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ހޫނުކުރުމުގެ ބަދަލުގައި، އެ މައްސަލަ ފިނިކުރަން ޓްރަމްޕް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ. ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ އާއި އެ ސަރަހައްދުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ އަރާރުމުގައި އެމެރިކާ ގެންގުޅެނީ ޗައިނާއާ ދެކޮޅު ސިޔާސަތެކެވެ.

ނަމަވެސް އުތުރު ކޮރެޔާއަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޗައިނާގެ އެހީތެރިކަމަށް އެމެރިކާ ބޭނުންވާތީ، ދެކުނު ޗައިނާ ކަނޑުގެ އަރާރުމުގެ މައްސަލައިގެ ތެރެއަށް މި ދަތުރުފުޅުގައި ޓްރަމްޕް ވެދެވަޑައިނުގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ. އުތުރުކޮރެޔާއަށް ފިއްތުންތައް ކުރިމަތިކުރެވޭނެ ހަމައެކަނި ގައުމަކީ ޗައިނާކަމަށް އެމެރިކާ ދެކެއެވެ.