ޚަބަރު

ޤައުމު ބިނާކުރަންވީ، ނޮވެމްބަރު 3 ގެ ޢިބްރަތުން - ނާޒިމް


ޤައުމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ބިރުވެރި ޙާދިސާއިން ޢިބްރަތް ޙާސިލްކުރަންޖެހޭކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ނަޞްރުގެ ދުވަހުގެ ޒިކުރާ އާކުރުމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ބޭއްވި "އަސްތާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ބިރުވެރި ހާދިސާއިން ދިވެހިންނަށް ލިބިގެންދިޔައީ ދީނީ އަދި ޤައުމީ ޢިބްރަތްތެރި ފިލާވަޅުތަކެއްކަމަށް. އެ ޢިބްރަތުން ފިލާވަޅު ލިބިގަނެ، އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތާ ކުޅޭ އެއްވެސްމީހަކަށް މިޤައުމުން ފުރުސަތު ނުދީ ބޭރުކޮށްލަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ. 

ވަކި ފަރުދަކުވިޔަ ނުވަތަ ބަޔަކުވިޔަސް އެބައެއްގެ އަމިއްލަ ވިސްނުމާއި ފިކުރުގައި ދީނީ މިނިވަންކަން ހައްދުފަހަނައަޅައި ދާން ބޭނުންވާނަމަ މި ޤައުމު ދޫކުރައްވާ ވަޑައިގަތުމަށް މިނިސްޓަރު ނާޒިމްވަނީ ގޮވާލައްވާފައެވެ.

ފަޚްރުވެރި ޤައުމީ އަބްޠާލުން މިފަސްގަނޑަށް އަހޮރުވި ލޭ، މި ސަރުކާރުން ވަޒަންކުރާކަމަށާއި، ރައީސް ޔާމިން ވަޑައިގަންވަނީ އެކަން ސާބިތުކޮށްދެއްވަމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

"ނުވަވަނަ ހަސަން ރަސްގެފާން މިޤައުމަށް ގެންނެވި ބަގާވާތާ، ހޮޅިން މިޤައުމަށް ގެންނެވި ބަގާވާތާ، އަދި އަށާރަސްތޭކައިގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް މިޤައުމު ދާންޖެހުނު ބިރުވެރި ހާދިސާއާ، އަދި ނޮވެމްބަރު ތިނެއްގެ ހާދިސާއިންވެސް އަޅުގަނޑުމެނަށް ދަސްކޮށްދެނީ މި ފިލާވަޅު. އަޅުގަނޑުމެންގެ ޤައުމު ބުނަމުންދަނީ މަގެ ދީނާ މަގެ ޤައުމާ މަގެ ވަޠަތާ ނުކުޅެއްޗޭ. އެލައިން ކުރޮސްކުަރންޔާ މިޤައުމުން ބޭރުކޮށްލާނަމޭ." މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. 

ޕޯޗުގީޒުން ރާއްޖެ އިސްތިޢުމާރުކޮށް ފަނަރަ އަހަރު ރާއްޖޭގައި ވެރިކަން ކުރިއިރު އިސްލާމް ދީން މިމުޖުތަމަޢުން ފުހެލުމަށް މަސައްކަތްކުރިކަމަށާއި، ދަރުމަވަންތަ ރަސްކަމުން ފެށިގެން ރައީސް ޔާމީންގެ ޒަޢާމަތާ ހަމައަށް އިސްލާމް މާއްދާ މަޖުބޫރު މާއްދާއެއްތޯ ބަހުސްކުރެވުނު ހަމައެކަނި ދައުރަކީ ކުރީގެ ރައީސް ނަޝީދުގެ ދައުރުކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މިއީ މިނިވަން ދައުލަތެއްކަމަށާއި މިޤައުމު ކުޑަޔަސް ޒަމާނުއްސުރެ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރި މިނިވަން ބައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.