ވިޔަފާރި

ޕައުޗް ޕްލާންޓްގެ ފުރަތަމަ އޯޑަރު އަންނަމަހު އެކްސްޕޯޓްކުރަނީ!


މިފްކޯއިން ޅ.އަތޮޅު ފެލިވަރުގައި ތަރައްޤީކުރާ ޕައުޗު ޕްލާންޓުގެމަސައްކަތް މިމަހުގެ 15 ގައި ނިމޭނެކަމަށާއި ފުރަތަމަ އޯޑަރު ޑިސެމްބަރު މަހުގެތެރޭގައި އެކްސްޕޯޓްކުރަން ފަށާނެކަމަށް މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ. 

އަދްލީ ވިދާޅުވީ މިމަހުގެ ތެރޭގައި ހުރިހާ މެޝިނަރީއެއް އިންސްޓޯލްކޮށް މުޅިން ނިންމާލެވޭނެކަމަށެވެ. އަދި ޕައުޗްޕްލާންޓްގެ މަސައްކަތް ކުރިއަށްދިޔައިރުވެސް ކަސްޓަމަރުންނާއިއެކު އެގްރީމެންޓްހެދި ހުރިހާކަމެއް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ފެލިވަރު މަސް ކާރުޚާނާގައި ދުވާލަކު 50 ޓަނު މަސް ބަންދުކުރާއިރު، އޭގެތެރެއިން 15 ޓަނު ޕައުޗުގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. 

ބޮޑުދަރަންޏަކާއެކު ހިންގަމުންއައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރުގެތެރޭގައި ސަރުކާރުންވަނީ އެސްޓީއޯގެ ސަބްސިޑަރީކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަމަޖައްސާފައެވެ. މިފްކޯ އެސްޓިއޯގެ ދަށަށްބަދަލުކުރިތާ އަހަރެއްހާ ދުވަސްފަހުން އެކުންފުންޏަށް މިއަދު މިވަނީ ފައިދާވާކުންފުންޏަކަށް ބަދަލުވެފައެވެ.