ކުޅިވަރު

ދިވެހި ފުޓްބޯޅަ ކުރިއެރުވޭނީ ކުޅުންތެރިން އަޚްލާޤު ރަނގަޅުވެގެން


ދިވެހި ސަރުކާރުން އަދި އެފްއޭއެމްއިން މިލިއަނުން ރާއްޖޭގެ ފުޓްބޯޅައަށް ޚަރަދު ކުރިނަމަވެސް، ދިވެހި ކުޅުންތެރިންގެ އަޚުލާގު ރަނގަޅުނުވެ، ދިވެހި ފުޓްބޯޅަ ކުރި ނާރާނެކަމަށް ސްރީލަންކާގެ ސްމިތް ވަލަޕޮލާ ބުނެފިއެވެ. 

ނުވަދިހައިގެ އަހަރު ތަކުގައި ރާއްޖޭގެ ގިނަ ސްކޫލްތަކަށާއި، ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބަށްވެސް ކޯޗުކޮށްދީފައިވާ ސްރީލަންކާގެ ސްމިތް ވަލަޕޮލާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދިއުމުގައި ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވެއްޖެކަމަށާއި، ނަމަވެސް ކިތަންމެ ގިނަ ސަބަބުތަކެއް މެދުވެރި ވިޔަސް، އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ ކުޅުންތެރިންގެ ބޮލުގައިކަމަށެވެ.

 ފުޓްބޯޅަ ކުރިއެރުވުމަށް ފައިސާވެސް ބޭނުންވާނެކަމަށާއި، ކިތަންމެ ފައިސާއެއް ފުޓްބޯޅައަށް ޚަރަދުކުރިއަސް، ކުޅުންތެރިން އެކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ނުކޮށް ނަތީޖާ ހާސިލް ނުވާނެކަމަށް އޭނާ ބުންޏެވެ. ރާއްޖޭގައި މަސައްކަތް ކުރި އިރު، އޭރުގެ ކުޅުންތެރިން ކުޅެފައިވަނީ ފުޓްބޯޅަ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންކަމަށާއި، ނަމަވެސް މިހާރު ގިނަ ކުޅުންތެރިން ކުޅެނީ ފައިސާއަށްކަން ސްމިތް ފާހަގަކުރިއެވެ. ކިތަންމެ ގިނަ ފައިސާއެއް ކުޅުންތެރިންނަށް ދިން ނަމަވެސް ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ވަކިގޮތަކަށް އަހުލާގު ބަހައްޓައިގެން ނޫނީ ދިވެހި ފުޓްބޯޅަ ކުރި ނާރާނެކަން އޭނާ ފާހަގަކުރިއެވެ.

" ފައިސާ ޚަރަދުކުރިޔަސް ކުރިއެއް ނާރާނެ. ފައިސާ ވަރަށް މުހިއްމު. އެކަމަކު ކުޅުންތެރިން މަސައްކަތް ނުކޮށް، ކުޅުންތެރިން އަޚްލާޤު ރަނގަޅުނުވެ ކުރިއެއް ނާރާނެ " ސްރީލަންކާގެ ޒުވާން ޓީމް ގޮވައިގެން ތަޖަކިސްތާންގައި ހުރެ، ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ލަންކާގެ ސުމިތް ވަލަޕޮލާ ބުނީ އަހުލާގާއި އެއްވަރަށް ކޯޗުން ބުނާ ގޮތް ހެދުމަކީ ފުޓްބޯޅައިގައި ވަރަށް މުހިންމު ކަމެއްކަމަށާއި، އަދި ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވަން ބޭނުންވާނަމަ، ދަނޑުމަތީގައި ކުރާ މަސައްކަތަށް ވުރެ ގިނަ މަސައްކަތް ދަނޑުން ބޭރުގައި ކުރަންޖެހޭނެކަމަށެވެ.