ދުނިޔެ

މިޔަންމާގައި ޖަރީމާތައް ހުއްޓާލަން ސަލާމަތީ މަޖިލީހުން ގޮވާލައިފި


މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރުކަށި ޢަމަލުތައް ހުއްޓާލުމަށް އދގެ ސަލާމަތީ މަޖިލީހުން އެ ޤައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް އާއި އިންސާނީ ހައްގުތަކާބެހޭ އދގެ ހައިކޮމިޝަނަރ ޒައިދު ބިން ރަޢުދުލް ޙުސައިން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަންވެސް ވަނީ، މިޔަންމާ ސިފައިން ހިންގަނީ ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ވިދާޅުވެ މިޔަންމާ ސިފައިންގެ އިސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެމެރިކާވެސް އަދި ދުނިޔޭގެ އެހެން ބާރަކުންވެސް، މިޔަންމާއާ ދެކޮޅަށް އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރޮހިންޔާއިންގެ ނަޞްލު ނައްތާލުމަށް މިޔަންމާ ސިފައިން ހިންގާ ލާއިންސާނީ ޢަމަލުތަކުގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހެޅުމަށް މަސައްކަތްކުރި ނަމަވެސް އޭގެ ބަދަލުގައި ސަލާމަތީ މަޖިލީހުން ނެރެފައި މިވަނީ، ރޮހިންޔާއިންނާ ދެކޮޅަށް ހިންގާ އަމަލުތަކާމެދު ކަންބޮޑުވާކަން ހާމަކޮށް ރިޔާސީ ބަޔާނެކެވެ. އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސީ ބަޔާނަކީ އެއާ އެއްގޮތަށް އަމަލުކުރުން ލާޒިމް އެއްޗެއް ނޫނެވެ.