ދުނިޔެ

ޤަތަރުގެ މައްސަލައަކީ އެހާ މުހިއްމު މައްސަލައެއް ނޫން- ސަޢުދީ


ޤަތަރަކީ ކުޑަ ޤައުމެއް ކަމަށާއި، އެ ޤައުމާއި ގަލްފުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލައަކީވެސް މާ ބުރަދަން ހުރި މައްސަލައެއް ނޫންކަމަށް، ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.

ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ޖުބައިރު ވިދާޅުވީ، ސައޫދީއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަކީ، އީރާނުން އެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގާ މައްސަލަ އާއި ޓެރަރިޒަމްގެ މައްސަލަ ކަމަށާއި، މި މައްސަލަތަކާ އަޅައިބަލާއިރު، ޤަތަރުގެ މައްސަލައަކީ ވަރަށް ކުޑަ މައްސަލައެއްކަމަށެވެ. ޖުބައިރު ވިދާޅުވީ ސައޫދީ ޢަރަބިޔާގެ ސިޔާސަތަކީ އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ދާޚިލީ ކަންކަމާ ނުބެހުމާއި، ޓެރަރިޒަމަށް ވާގިވެރި ނުވުމާއި، އެއް ޤައުމެއްގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް އަނެއް ޤައުމުން އެހީތެރި ނުވުމާއި މީޑިޔާގެ ހަމަލާތަކާއި ބަހުގެ ޙަމަލާތައް ނުދިނުމާއި، ނުރުހުމާއި ނަފުރަތުގެ ޝުޢޫރުތައް ފާޅު ނުކުރުން ކަމަށެވެ. މިއީ ދުނިޔޭގެ ހުރިހާ ޤައުމުތައްވެސް ޤަބޫލުކުރާ ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގަލްފުގެ ޤައުމުތަކުން ޤަތަރުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނޫޅޭ ކަމަށާއި، ޤަތަރުން އެފަދަ ޕްރޮޕަގެންޑާ ފަތުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް ޖުބައިރު ވިދާޅުވިއެވެ.

ޤަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމަށް ބުނެ ސައޫދީ ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ވަނީ ޤަތަރާ ގުޅުން ކަނޑާލައި، އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ޤަތަރުންވަނީ އެ ހަތަރު ޤައުމުން ކުރާ ޑިމާންޑްތަކަށް އިޖާބަދޭން ދެކޮޅު ހަދާފައެވެ.