ޚަބަރު

އެއަރޕޯޓާއެކު ކުޅުދުއްފުށްޓަށް އިތުރު މަޝްރޫޢުތައް އަންނާނެ


ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ތަރައްޤީކުރާ އެއަރޕޯޓް މަޝްރޫޢާއެކު، އިތުރު އުފާވެރި މަޝްރޫޢުތަކެއްގެ މަޢުލޫމާތު އެރަށު ރައްޔިތުންނަށް ލިބޭނެ ޖަލްސާއެއް އެރަށުގައި ބާއްވާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިމަހުގެ ބާރަވަނަ ދުވަހު ކުޅުދުއްފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވާދެއްވާނެކަމަށެވެ. އަދި ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، މި ޖަލްސާއަކީ އެއަރޕޯޓާއެކީ އިތުރު އުފާވެރި ޚަބަރުތައް އެރަށުގެ ރައްޔިތުންނާ ޙިއްޞާކުރެވޭނެ ޖަލްސާއެއްކަމަށެވެ. އަދި އެއީ އިދިކޮޅު އެމްޑީޕީން ހއ.ދިއްދޫގައި ބޭއްވިފަދަ ޖަލްސާއަކަށް ނުވާނެކަމަށާއި، ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ ވެގެންދާނީ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު އެންމެ އުފާވެރި ޖަލްސާއަށްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14563852583569.JPG|ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ސަރުކާރުގެ ވަޢުދުކަމަށްވާ ކުޅުދުއްފުށީ އެއަރޕޯޓްގެ ވަޢުދު އިދިކޮޅު ފަރާތްތަކުން އިރުއިރުކޮޅާ ހަނދާންކޮށްދެމުން އައިސް ސަރުކާރުން އެއަރޕޯޓް ތަރައްޤީކުރުމަށް ހުރިހާކަމެއް ތައްޔާރުވެ މަސައްކަތްފެށުމުން އެ މަޝްރޫޢާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުތީކަމަށެވެ. މިއަދުވެސް ނިހާން ވަނީ ކުޅުދުއްފުށީ އެއަރޕޯޓަކީ ސަރުކާރުގެ ވަޢުދެއްކަމަށާއި އެ ވައުދު ފުއްދާނެކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ކުޅުދުއްފުށްޓަށް ވަޑައިގަންނަވާނީ "އުދުހިފައި"ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ކުޅުދުއްފުށީގައި "އުދުހޭ" މި ނަމުގައި ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ ސޯޅަ ވަނަ ދުވަހުގެރޭ ވެސް ޚާއްޞަ ޖަލްސާއެއް މާލޭގައި އޮންނާނެކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ފަދަ އުފާވެރި ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ޖަލްސާއަކަށް ވާނެކަމަށް ޕީޕީއެމުން ބުނެއެވެ.