ޚަބަރު

ނޮވެމްބަރު 3ގެ މަޢުލޫމާތު އޮޅުވާލުމަށް ބަޔަކު މަސައްކަތްކުރޭ


1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ހިންގި ޢުދުވާނީ ޙަމަލާއަކީ ނުހިނގާ ހާދިސާއަކަށް ހެދުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދާކަމަށާއި "އަސްތާ" މިނަމުގައި ޕީޕީއެމްއިން ބާއްވާ ޖަލްސާގައި މިކަމުގެ ވަރަށް ގިނަ ތަފްސީލްތައް އެނގިގެންދާނެކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ހާދިސާއަކީ ރާއްޖޭގައި ނުހިނގާ ކަމެއްގެ ގޮތުގައި ސިފަކޮށް ކުޑަކުދިންނަށް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތްކުރަމުން އަންނަކަމަށެވެ. ނަމަވެސް އެކަމަކީ ރާއްޖޭގެ އަރްޝީފްގައި ރައްކާވެފައިވާކަމެއްކަމަށާއި، ދަރިންގެ މުސްތަޤްބަލަށްޓަކައިވެސް މިކަންކަން އަދުގެ ކުޑަކުދިންނަށް ކިޔައިދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ރާއްޖޭގެ ވޭތުވެދިޔަ ހުރިހާ ވެރިކަމެއް ވައްޓާލުމަށް މަސައްކަތްކުރި މީހުން އަދިވެސް މަސައްކަތްކުރަކުން އަންނަނީ ސަރުކާރު ވައްޓާލުމަށްކަމަށާއި، އަވަށްޓެރި ސްރީލަންކާގައި ތިބެގެން އިދިކޮޅު ލީޑަރުން ކުރާ މަސައްކަތަކީވެސް ރާއްޖޭގެ މިނިވަންކަމާ މުސްތަޤިއްލުކަން ރޫޅާލުމަށް ކުރާ މަސައްކަތެއްކަމަށް ނިހާން ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން "އަސްތާ" މިނަމުގައި ބާއްވާ ޖަލްސާގައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި އަނިޔާވި މީހުންނާއި އެނޫންވެސް މީހުން މިޖަލްސާގައި ވާހަކަ ދައްކާނެކަމަށާއި، ވަރަށް  ތަފާތު މަޢުލޫމާތުތައް ލިބިގެންދާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާންވަނީ ރާއްޖޭގެ ކަންކަމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭރުގައި ހުންނަވައިގެން ވާހަކަދައްކާކަމަށާއި، ނަމަވެސް ނޮވެމްބަރު ތިނެކާގުޅޭ ގޮތުން ވާހަކަދައްކާފައި ނުވާކަމަށް ބުނެ އިދިކޮޅު ފަރާތަކަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.