ދުނިޔެ

ލަންކާގެ ތެލުގެ މައްސަލައިގައި ސަރުކާރުން މަޢާފަށް އެދެފި


ސްރީލަންކާގެ ބާޒާރުގައި ތެޔޮ ލިބުން ދަތިވެ ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރަން ފެށުމުން އެ ގައުމުގެ ހަކަތައާބެހޭ ވަޒީރު އަރުޖުނާ ރަނަތުންގަ މަޢާފަށް އެދިވަޑައިގެންފިއެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސާފުކުރި ތެލުގެ އަވަސް ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ރަނަތުންގަ ވިދާޅުވިއެވެ.

ސްރީލަންކާގެ މީޑިޔާ ބުނާގޮތުން އެ ގައުމަށް ކުރިމަތިވެގެން މިއުޅެނީ އިމްޕޯޓްކުރި ތެލުގެ ޝިޕްމަންޓްތަކުގެ ތެރެއިން ސާޅީސް ހާސް ޓަނުގެ ތެޔޮ އެކަށީގެންވާ މިންވަރަށް ސާފުކޮށްފައިނުވާ ކަމަށްބުނެ، އެ ޝިޕްމަންޓް އަނބުރައި ފޮނުވާލައި، އޭގެ ބަދަލުގައި އައު ޝިޕްމަންޓެއް ހޯދުމަށް ވަގުތު ބޭނުންވާ މައްސަލައެވެ. އަދި މި މައްސަލަ ކުރިމަތިވީ، އެ ޝިޕްމަންޓް އަނބުރާ ފޮނުވާލުމުގެ ކުރިން، ސްރީލަންކާގައި ތެލުގެ ރިޒަރވް ދަށްވެފައިވާ މައްސަލައަށް ރިޢާޔަތްނުކުރުމުންކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.

އައު ޝިޕްމަންޓް އައުމަށް ވަގުތު ނަގާނެތީ ސްރީލަންކާ ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ، ތެލުގެ އަވަސް ޝިޕްމަންޓެއް ގެނައުމަށެވެ. ދެ ދުވަހެއްގެ ތެރޭގައި ތެލުގެ އަވަސް ޝިޕްމަންޓް ލިބޭނެކަމަށާއި، އެ ޝިޕްމަންޓް އައުމުން، މައްސަލަ މުޅިން ހައްލުވާނެ ކަމަށް، ސްރީލަންކާގެ ހަކަތަ އާބެހޭ ވަޒީރު އަރުޖުނާ ރަނަތުންގަ ވިދާޅުވިއެވެ. އަދި މިހާރުވެސް ދެ ދުވަހަށް ބޭނުންވާ މިންވަރަށް އެ ޤައުމުގެ ރިޒަރވް ޓޭންކްތަކުގައި ތެޔޮ އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މިހާރި މި އޮތް މިންވަރަށް ބޮޑުވެގެން ދިޔައީ، ތެޔޮ ނުލިބިދާނެކަމުގެ ބިރު ހީވެ، މިހާރުން މިހާރަށް ތެޔޮ ބޭނުންނުވާ ފަރާތްތަކުންވެސް، ކުއްލި ގޮތަކަށް ތެޔޮ ހޯދަން މަސައްކަތްކޮށް، އެންމެން އެއް ވަގުތެއްގައި ޕެޓްރޯލް ސްޓޭޝަންތަކުގެ ކައިރިއަށް ޖަމާވަމުންދިއުމުން ކަމަށާއި މިކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގުނުނަމަ، މި މައްސަލަ ދިމާނުވީސް ކަމަށް ރަނަތުންގަ ވިދާޅުވިއެވެ.