ވިޔަފާރި

ސްޕެއިންގެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ


ސްޕެއިންގެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އެ އެއަރލައިންގެ ދަތުރުތައް އަންނަ އޭޕްރީލްމަހުގެތެރޭ ރާއްޖެއަށް ފެށުމަށް މިހާރު ހަމަޖެހިފައިވާއިރު، އެ އެއަރލައިނުން ފެށުމަށް ހަމަޖެހިފައިވަނީ، ރާއްޖެއާއި ސްޕެއިންއާދެމެދު ސީދާ ދަތުރުތަކެކެވެ. ސްޕެއިންގެ އެއްވެސް އެއަރލައިނަކުން ރާއްޖެއަށް މިހާރު ދަތުރެއްނުކުރެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ ޑަބްލިއުޓީއެމް ފެއަރގެ ތެރެއިން މިކަމާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން، ރާއްޖެއިން އިނގިރޭސިވިލާތަށާއި އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވީ ސްޕެއިންގެ އެއަރލައިންއަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން އެއަރލައިނެއްކަން ހާމަކުރާނީ އެ އެއަރލައިނުން އެކަން އިޢުލާންކުރުމަށް ބާއްވާ ޕްރެސް ކޮންފަރެންސްގައި ކަމަށެވެ.

ޝިޔާން ވިދާޅުވީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ޔޫރަޕްގެ ގިނަ އެއަރލައިންތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މިހާރުވެސް ޔޫރަޕްގެ އިތުރު ދެ އެއަރލައިންއަކާއި ވާހަކަދައްކަމުންދާ ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދަތުރުތައް ފެށުމަށް، މަޝްހޫރު މަހުޖަނު ރިޗަރޑް ބެރެންސަންގެ ވަރޖިން އެއަރލައިނުންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ޝިޔާން ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނަޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ސްޕެއިން ހިމެނެނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނަ ޤައުމެއްގެ ގޮތުގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ސްޕެއިންއިން ރާއްޖެއަށް އަށާރަހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދިހައެއް އިންސައްތަ އިތުރު ޢަދަދެކެވެ.