ކުޅިވަރު

ފޯރިގަދަ ފުވައްމުލަކު ވޮލީމުބާރާތް މާދަމާ ފަށާނެ


ޤައުމީ ޓީމްގެ މޮޅު ކުޅުންތެރިންނާއި، ޤައުމީ ކޯޗުންނާއި، ޞަރަހައްދުގެ މޮޅު ކުޅުންތެރިންނާއެކު ފުވައްމުލަކު ސިޓީ ކައުންސިލުން ބާއްވާ މިއަހަރުގެ ވޮލީބޯޅަ މުބާރާތް މާދަމާ ފަށާނެއެވެ. 

މިފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަ ޓީމް އަދި އަންހެން ޑިވިޝަންގައި ތިން ޓީމް ބައިވެރިވެފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތުދެއްވައެވެ. މުބާރާތުގައި ފިރިހެން ޑިވިޝަންގައި ވާދަކުރާނެ ޓީމްތަކަކީ މިސްކިތްމަގު އެންމެންގެ ގުޅުން، އައްޑޫ މީދޫ ވޮލީ ޓީމް، ނެރެގަނޑު، އަފުންގެ ވޮލީޓީމް، ނަގަނަމަގޯ ވޮލީ ޓީމް އަދި އެމްއެންޑީއެފްއެވެ. 

މުބާރާތުގައި ވާދަކުރާ ހަމައެކަނި ރަށުން ބޭރު ޓީމަކީ މީދޫ ޓީމެވެ. މީގެއިތުރުން ސިފައިންގެ އެންމެ ވަރުފަދަ ޓީމް މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާ މީދޫ ޓީމަށް އިރުޝާދު ދޭނީ ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި މިހާރު ކޯޗު މުހަންމަދު ސާޖިދު، ކާއްޓޭއެވެ. ކާއްޓޭގެ އިރުޝާދުގެ ދަށުން ނިކުންނަ ޓީމްގައި ޤައުމީ ޓީމްގެ އަހުމަދު ފާޒިލްއާއި، އާދަމް ފައިރޫޒު ހިމެނެއެވެ. މީގެއިތުރުން މިދިޔަ އަހަރުވެސް ކުޅުނު ޕާކިސްތާނުގެ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ އަދި މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ މުރާދު ޖީހާން ހިމަނެއެވެ. މީދޫ ޓީމަކީ މިދިޔަ އަހަރުގެ ދެވަނަ ޓީމެވެ.

img:http://s3.psmnews.mv/images/660x400/15100436556563.jpg|މުބާރާތުގައި އިރުޝާދުދޭން އައި ބޭރު ކޯޗަކަށް މަރުހަބާކިޔަނީ

 ޤައުމީ ވޮލީ ޓީމްގެ ކޯޗުކަން އެންމެ ގިނަ ދުވަހު ކުރި ދިވެހި ކޯޗު މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ނިކުންނަ މިސްކިތްމަގު އެންމެންގެ ގުޅުމުގައި އިންޑިޔާގެ މުޙައްމަދު ރިޔާޒުއްދީން ހިމެނެއެވެ. މީގެއިތުރުން ޤައުމީ ޓީމްގެ މުޙިއްމު ކުޅުންތެރިންކަމަށްވާ ހަސަން ނިލާމްއާއި އަލީ ހުޒާމްވެސް ފެންނާނީ އެޓީމުންނެވެ. މުބާރާތުގައި ވާދަކުރާ އެމްއެންޑީއެފްގެ ޓީމުގައި ބިދޭސީ ކުޅުންތެރިޔަކު ނުހިމެނެއެވެ. އެހެން ނަމަވެސް ދިވެހި ސިފައިންގެ ކްލަބްގެ މުޙިއްމު ކުޅުންތެރިންކަމަށްވާ ޤައުމީ ޓީމްގެ އަހަމަދު އަބްދުލްކަރީމް، ލޯންގޭއާއި، އާދަމް ނަސީމްއާއި، އަހުމަދު އަނިލް ނަސީރު އެޓީމަށް ކުޅޭނެއެވެ. 

ރާއްޖޭގެ ވޮލީބޯޅައިގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އިސްމާއިލް ސާޖިދު ( ކުޑަކާއްޓޭ) ފެނިގެންދާނީ އަފުންގެ ޓީމުންނެވެ. އިންޑިޔާގެ މަންދީދް ސިންގްވެސް ކުޅޭނީ އެޓީމަށެވެ. މީގެއިތުރުން ހުސެއިން ވިޝާމްއާއި ހަސަން ސައީދުވެސް ކުޅޭނީ އަފުންގެ ޓީމަށެވެ. 

img:http://s2.psmnews.mv/images/660x400/15100436819528.jpg|ޤައުމީ ޓީމްގެ ކުރީގެ ކޯޗު ޝަރަފަށް ފުވައްމުލަކުން މަރުހަބާ ކިޔަނީ

ރާއްޖޭގެ އެކި ވޮލީ މުބާރާތްތަކުން ފާހަގަކުރެވުނު އިންޑިޔާގެ ޕްރަބާގަރަން މިފަހަރު ކުޅެނީ ނަގަނަމަގޯ ވޮލީޓީމަށެވެ. އެޓީމަށް ކުޅޭ މުޙިއްމު ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމްގެ އަޝްފާގް އާދަމްއާއި މުޙައްމަދު އަހުސަން ހިމެނެއެވެ. އެޓީމް ނިކުންނާނީ އިސްމާއީލް ރިފާއު، ޗިޗޫގެ އިރުޝާދުގެ ދަށުންނެވެ. ދަނޑިމަގު ރަނިންގެ އަންހެން ޓީމަށްވެސް އިރުޝާދުދޭނީ ޗިޗޫއެވެ. 

މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމްތަކަކީ ދަނޑިމަގު ރަނިންގ، މިސްކިތްމަގު އެންމެންގެ ގުޅުން، އަދި ފްރެންޑްސް ކުލަބް ފުނާޑެވެ. ދަނޑިމަގު ރަނިންގެ ޓީމުގައި އިންޑިޔާގެ ދެ ކުޅުންތެރިން ހިމެނޭއިރު ގައުމީ ޓީމަށް ކުޅެމުން އަންނަ  ފާތުމަތު ޖޫޒާން ޒަރީރުވެސް ފެނިގެންދާނީ އެޓީމުންނެވެ. މުބާރާތުގައި ވާދަކުރާ މިސްކތްމަގު ވޮލީޓީމަށް އިރުޝާދުދޭނީ ކިރްގިސްތާންގެ ކޯޗެކެވެ.. އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމްގައި އެޤައުމުގެ ދެ ކުޅުންތެރިންވެސް ހިމެނެއެވެ. އެއްވަނަ ޑިވިޝަންގެ ކުޅެމުންއަންނަ އައިމިނަތު އަރީޝާވެސް ފެނިގެންދާނީ އެޓީމުންނެވެ.

 މުބާރާތުގެ ފްރެންޑްސް ކުލަބް ފުނާޑް ޓީމުގައިވެސް ބިދޭސީ ދެކުޅުންތެރިޔަކު ހިމެނެއެވެ. ގައުމީ ޓީމަށް ކުޅޭ އައިޝަތު މާޖިދާ ފެނިގެންދާނީ އެޓީމުންނެވެ. 

ފުވައްމުލަކު ޔޫތު ސެންޓަރުގެ ކުރިޔަށްދާ މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މިމަހުގެ އައްވަނަ ދުވަހުން ފެށިގެން ސޯޅައިގެ ނިޔަލަށެވެ. މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.