ސިއްހަތު

އޭޑީކޭ ތިއޭޓަރ ކޮމްޕްލެކްސްއާއި، 9 ބުރީގެ ވޯޑު ޢިމާރާތް ހުޅުވަނީ


އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރާ ތިއޭޓަރ ކޮމްޕްލެކެސްގެ މަސައްކަތާއި، ބަލިމީހުންގެ ވޯޑުތަކަށް ޚާއްސަކޮށްގެން ޢިމާރާތްކޮށްފައިވާ 9 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ނިންމައި، މިއަހަރު ނިމުމުގެ ކުރިން ޚިދުމަތްދޭން ފަށާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފިއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުންދެމުން އަންނަ ޚިދުމަތްތައް ފުޅާކުރުމަށް އެ ހޮސްޕިޓަލުން އަންނަނީ ގިނަމަސައްކަތްތަކެއް ކުރަމުންނެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް އެ ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން، ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އަލަށް ޢިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތެވެ. މި ތިއޭޓަރ ކޮމްޕްލެކްސްގައި 3 އޮޕަރޭޝަން ތިއޭޓަރާއި، 5 އެނދުގެ ރިކަވަރީ ސްޓޭޝަނަކާއި، ކެތްލެބެއްގެ އިތުރުން، 5 އެނދުގެ ކޮރޮނަރީ ކެއަރ ޔުނިޓް ނުވަތަ ސީ.ސީ.ޔޫއެއްގެ ޚިދުމަތްވެސް ޤާއިމުކުރާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ހާމަކުރެއެވެ.

img:http://s3.psmnews.mv/images/660x400/15100569440092.jpg|

ތިއޭޓަރ ކޮމްޕްލެކްސްއަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، މިހާރު އެންމެ ބާރު މިނުގައި ކުރިއަށްދަނީ އިންޓީރިއަރ ޑިޒައިނިންގއަށް ބޭނުންވާ މަސައްކަތްތައް ކުރުމާއި، އެތަނަށް ބޭނުންވާ މެޝިނަރީޒްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާދު ދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، ތިއޭޓަރ ކޮމްޕްލެކްސްއަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކާއި މެޝިނަރީތައް މިހާރު ގެނެސްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެތަކެތި އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަރުހަލާކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފެށުންކަމުގައި އައްފާލް ވިދާޅުވިއެވެ.

"މިހާރު ހުރިހާ އިކުއިޕްމަންޓާއި، މެޝީނަރީޒް މިވަނީ ގެނެސްފައި. އޭގެ ތެރެއިން ބައެއް އާލާތްތައް އިންސްޓޯލްވެސްކޮށް ނިންމައިފިން މިހާރު. ޚާއްސަކޮށް ކެތެލަބަށް ބޭނުންވާ މެޝިން އިންސްޓޯލްކޮށް، ޓެސްޓްވެސްކޮށް ނިންމާފައި މިވަނީ. ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން މިތަން ހުޅުވުން. މިއާއެކު އޮޕަރޭޝަންތައް ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ" އައްފާލް ވިދާޅުވިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމަށްޓަކާވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން އައްފާލް ފާހަގަކުރެއްވިއެވެ.

ތިއޭޓަރ ކޮމްޕްލެކްސްގެ އިތުރުން، ބަލިމީހުންގެ ވޯޑުތަކަށް ޚާއްސަކޮށްގެން އިމާރާތްކޮށްފައިވާ 9 ބުރީގެ އައު ޢިމާރާތުގެ މަސައްކަތީވެސް އޭ.ޑީ.ކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ މަސައްކަތެވެ. މި ޢިމާރާތުގައި ބަލިމީހުންނަށް ޚާއްސަ ވޯޑްތަކާއި، ޕްރައިވެޓް ރޫމްތަކުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ޙިދުމަތްދިނުމަށް ޚާއްސަ ކްލިނިކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތާއެކު ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ އިތުރުވެ، އެޑްމިޓްކުރަން ޖާގަ ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ.

މި އިމާރާތުގެވެސް ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިންޓީރިއަރ ޑިޒައިނިންގ މަސައްކަތްތައްކަން ފާހަގަކޮށްލެވެއެވެ. 9 ބުރީގެ އައު އިމާރާތުގެވެސް މަސައްކަތް ނިންމާ، މިއަހަރު ނިމުމުގެ ކުރިން އެތަން ހުޅުވުމަކީ އަމާޒެއްކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ.