ޚަބަރު

ސީ.އައި.އައި ފުޑް ސޭފްޓީ ސަމިޓް ރާއްޖެއަށް މުހިއްމު - ސަފީރު


ބާރަވަނަ ސީ.އައި.އައި ފުޑް ސޭފްޓީ، ކޮލެޓީ އެންޑް ރެގިއުލޭޓަރީ ސަމިޓް ވާނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޢަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސްތައް ދެނެގަނެ، ރާއްޖޭގައި އެކަންކަން ހަރުދަނާކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތަކަށް ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ސަފީރު މިހެން ވިދާޅުވީ، ސީ.އައި.އައި ފުޑް ސޭފްޓީ، ކޮލެޓީ އެންޑް ރެގިއުލޭޓަރީ ސަމިޓުގައި ރާއްޖޭގެ ފަރާތުން މަންދޫބުން ބައިވެރިކުރުމާގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންފަޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީޒް، ސީ.އައި.އައިގެ މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ސީ.އައި.އައިގެ މަންދޫބުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ރާއްޖެފަދަ ކޯބާތަކެތީގެ ބާވަތްތައް އިމްޕޯޓުކުރުން ނިސްބަތުން ގިނަޤައުމަކަށް މިފަދަ ސަމިޓްތަކުގައި ބައިވެރިވުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ އެކި ބާވަތްތަކުގެ ކޮލެޓީ ހިފެހެއްޓުމަށް ކުރާމަސައްކަތްތަކަށްވެސް މިފަދަ ސަމިޓްތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެކަން ސަފީރުވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސީ.އައި.އައި ފުޑް ސޭފްޓީ، ކޮލެޓީ އެންޑް ރެގިއުލޭޓަރީ ސަމިޓަކީ މިދާއިރާއިން ސަރަޙައްދީ ޤައުމުތަކުގެ އެއްބާރުލުމާއެކު އިންޑިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ސަމިޓެވެ. 

މިފަދަ ސަމިޓެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކާބޯތަކެއްޗާއި ގުޅުންހުރި ތަފާތު އެކި އުފެއްދުންތައް އުފައްދާ ފަރާތްތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތައް އެއްތަންކޮށް، މިދާއިރާގައި ހުރި ތަފާތު ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން 12 ވަނަ ސީ.އައި.އައި ފުޑް ސޭފްޓީ، ކޮލެޓީ އެންޑް ރެގިއުލޭޓަރީ ސަމިޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ ހަތަރަކުން ފަހަކަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.