ޚަބަރު

2018ގެ ބަޖެޓް ބްރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅަނީ


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ އަންނަ އަހަރަށްލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުގެ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. މަޖިލީހުން އެންމެ ފަހުން ޖަލްސާއެއް ބާއްވާފައިވަނީ އިއްޔެއެވެ. 

މަޖިލީހުގެ އިދާރާއިން ބުނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށެވެ. އެއީ އަންނަ ބުރާސްފަތި ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް މިދިޔަ މަހުގެ 31ވަނަ ދުވަހު ހުށަހަޅުއްވާފައެވެ. އެމިނިސްޓްރީން މީގެކުރިންވެސް ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ހުރިހާ މަސައްކަތެ މިހާރު ނިމިފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ ސަތޭކަ ހަތްދިހަ ނުވަވަނަ މާއްދާގައި ބުނެފައިވަނީ ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ހިނގަމުންދާ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅުއްވާއިރު 2017ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދަޢުލަތުގެ ފަރާތުން ހުށަހެޅީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އެ ބަޖެޓަކީ މި އަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ.