ދިވެހި ފުލުހުންނާއި ޔުނިސެފް ގުޅިގެން ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް، ޤައުމީ މަހާސިންތާއެއް މިއަދު ފަށައިފިއެވެ.
ބަނޑޮސް މޯލްޑިވްސްގައި މިއަދު ހެނދުނު ފެށި މި މަހާސިންތާގައި ކުޑަކުދިންނާ ގުޅޭ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ބައެއް ޖަމިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ކުޑަކުދިން ޖިނާޢީ ކުށްތަކަށް އަރައިގަންނަ ވާހަކަތަކާއި އެކުދިންނަށް ލިބެންޖެހޭ ޙައްޤުތަކުގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
އަދި ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާ ގުޅޭގޮތުން ތަފާތު އެކި ފޯރަމްތައް ބާއްވާ ތަފާތު މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ޝުޖާޢުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ނަމަވެސް އެ މަސައްކަތްތަކުން ފެންނަ ނަތީޖާ އަކީ ކޮބައިތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. މިފަދަ ސެމިނާތައް ބާއްވާ ނިންމާ މުހިއްމު ނިންމުންތައް ތަންފީޒު ވަނީ ކިހާވަރަކަށްތޯ އަޅުގަނޑުމެން ބަލަންޖެހޭ،" އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ ކުޑަކުދިންނާ ގުޅޭ މަސައްކަތްތައް ކުރާ ތަފާތު އެކި އިދާރާތައް ހުންނައިރު އެއިން ކޮންމެ އިދާރާއަކުންވެސް ކުޑަކުދިން ކުށްތަކުން ދުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ކޮންމެ މަސައްކަތެއްގައި ދަތިތަކެއް ހުންނާނެ ކަމަށް ވިދާޅުވެ ޝުޖާޢު ވިދާޅުވީ ހުރި ދަތިތަކާއި އެކުވެސް ކުށްތަކުން ކުޑަކުދިން ދުރުކޮށް އެކުދިންނަކީ ރަނގަޅު އަޚްލާގެއްގެ ވެރިބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އެންމެން ގުޅިގެން ކުރަންޖެހޭނެ ކަމަށެވެ.
މި މަހާސިންތާގައި ކުރިއަށްއޮތް ދެއަހަރު ކުޑަކުދިން ކުށްތަކުން "ދަފަރާ" ކުރުމުގެ ޕްލޭންތައް އެކުލަވާލާނެއެވެ. އަދި ކުޑަކުދިން ކުށްތަކުން ދުރުކުރުމަށް އެންމެން ގުޅިގެން އެއް އަމާޒެއްގެ ދަށުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެއެވެ.