ވިޔަފާރި

ގެއްލުމުގައި ހިންގި މިފްކޯ، ފައިދާވާ ކުންފުންޏަކަށް


އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގަން ފެށުމުން މިފްކޯއަށް ފައިދާވާން ފަށާފައިވާކަމަށް އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

ދަރަންޏަށް ޒިންމާވާ ގޮތަށް އުފެއްދި މިފްކޯގެ ދަރަނިތައް ބޮޑުވެ އެ އަދަދު ތިން ސަތޭކަ މިލިއަނަށް ވުރެ މައްޗަށް އަރާފައިވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވަނީ އެ ކުންފުނި އެސްޓިއޯގެ ދަށަށް ބަދަލުކުރައްވާފައެވެ.

އެސްޓިއޯގެ ދަށަށް މިފްކޯގެ ބަދަލުކުރި އިރު އެ ކުންފުނީގެ ދަރަނިތައް ބޮޑުވެ ބޭންކުތަކުން ލޯނު ދިނުންވެސް ވަނީ ހުއްޓާލާފައެވެ. އަދި މިފްކޯގެ ދަށުން ހިންގަމުން އައި ބައެއް ތަންތަނުގެ އޮޕްރޭޝަންތައްވެސް ވަނީ ހުއްޓާލާފައެވެ.

މިފްކޯ އެސްޓިއޯގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމުން ވަރަށް ގިނަ ބަޔަކު އެކަމާ ފާޑުކިޔާފައިވެއެވެ. އެގޮތުން އެންމެ ފައިދާ ބޮޑު އެއްކުންފުނިކަމަށްވާ އެސްޓީއޯއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މިފްކޯ އެސްޓިއޯގެ ދަށަށް ބަދަލުކުރިތާ އަހަރެއްހާ ދުވަސްފަހުން އެކުންފުންޏަށް މިއަދު މިވަނީ ފައިދާވާން ފަށާފައެވެ.

މިފްކޯގެ ހެޑް އޮފީހުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ މިފްކޯއިން މިހާރު ފައިދާ ލިބެން ފަށާފައިވާކަމަށެވެ. އަދި މިއަހަރުގެ ކުރިއަށް އޮތްތަނުގައި މި ފައިދާ އިތުރުވެގެންދާނެކަމަށާއި ފައިދާގެ ތަފްސީލު އަހަރު ނިމުމުން ހާމަކުރައްވާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ ކުރިއަށްއޮތީ މަސްވެރިކަމުގެ މޫސުމަށްވާއިރު މި މޫސުމުގައި މަސްވެރިންނަށް ދިމާވާނެ އެންމެހައި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މިފްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. މިގޮތުން މަސްވެރިންނަށް ބޭނުންވާނެ އައިސް ފަސޭހަކަމާއި އެކު ފެލިވަރުން ލިބޭނެ އިންތިޒާމް މިހާރު މަހަޖައްސާފައިވާނެކަން ޝަހީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަސް ކިރުވުމުން މިހާރު ވަގުތުން ފައިސާ ލިބިގެންދާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

މިފްކޯއަށް ފައިދާވާން ފަށާފައިވާއިރު އެކުންފުނީގެ ދަށުން ހިންގަމުން އަންނަ ފެލިވަރުގެ އުފެއްދުންތެރިކަން 30 އިންސައްތަ ކުރިއަށްޖެހިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. ރާއްޖެއަކީ މަހުގެ ބާވަތްތައް ބޭރުގެ ޤައުމުތަކަށް ގިނަ އަދަދަކަށް އެކްސްޕޯޓްކުރާ ޤައުމަކަށް ވުމުގެ ސަބަބުން އެ ފަރާތްތަކާއި އޮންނަ ގުޅުންވެސް ހަރުދަނާކުރަމުން ދާކަމަށް މިފްކޯއިން ބުނެއެވެ.