ތަޢުލީމު

އެމްއެންޔޫއާއި އައިޔޫއެމްއިން އިންޓަރ-ލައިބްރަރީ ލޯނުގެ ޚިދުމަތް


ރާއްޖޭގައި މުޅިން އަލަށް ފަށާ އިންޓަރ-ލައިބްރަރީ ލޯނުގެ ޚިދުމަތް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭން ނިންމައިފިއެވެ.

މި ޚިދުމަތާއެކު މި ދެ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް، ދެ ޔުނިވަރސިޓީގެ ލައިބްރަރީންވެސް ޚިދުމަތް ހޯދޭނެއެވެ. އަދި ދެޔުނިވަރސިޓީ ގުޅިގެން ރިސަރޗްކުރުމާ ގުޅޭ ވަރކްޝޮޕްތަކާއި ކޮންފަރެންސްތައް ބޭއްވުމުގައި އެއްބާރުލުންދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ކަމާގުޅޭގޮތުން އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޗަންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ދެޔުނިވަރސިޓީންދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށެވެ.

މިއެއްބަސްވުމުގެ ސަބަބުން ދެޔުނިވަރސިޓީގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް އެދެ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ޤައުމީ ޔުނިވަރސިޓީން ރާއްޖޭގައި ދިރާސާކުރުމުގެ ޘަޤާފަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބޮޅެއް އިތުރުވެގެންދާނެކަމަށް އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަތީ ތަޢުލީމަށް ބޮޑު ބަދަލެއްއަންނާނެކަމަށް މި ދެ ޔުނިވަރސިޓީން ބުނެއެވެ.