ޚަބަރު

އެއަރޕޯޓުގެ ވެސްޓް އޭޕްރަން ބޮޑުކުރަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓްތައް ޕާކުރުމަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް ގެނެއުމުގެ ގޮތުން އެއަރޕޯޓުގެ ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

ވައިޓް-ބޮޑީ އެއަރކްރާފްޓްގެ 7 ފްލައިޓަށް ފަސޭހަކަމާއެކު ޕާކްކުރެވޭނޭހެން ތައްޔާރުކުރާ މި އެޕްރަންގެ މަސައްކަތަކީ އެއަރޕޯޓުގެ އައު ރަންވޭގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަމަށް އެކުންފުނިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނު އެޝީއާ ސަރަޙައްދުގައި މިވަގުތު އޮޕަރޭޓްކުރަމުން އަންނަ އެންމެ ބިޒީ އެއް އެއަރޕޯޓެވެ. އެއަރޕޯޓަށް އޮންނަ ޑިމާންޓް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ޖާގައިގެ ދަތިކަމަކީ މިވަގުތު އެއަރޕޯޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލެއް ގެނެއުމުގެ ގޮތުން ސަރުކާރުން ދަނީ އެއަރޕޯޓް ތަރައްޤީކުރުމަށް 1 ބިލިއަން ޑޮލަރުގެ އަގުހުރި ބިޔަ މަޝްރޫޢެއް ކުރިއަށްގެންދަމުންނެވެ.

މި މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ މަސައްކަތަކީ އައު ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރުކަމަށްވާ A 380 ގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނޭހެން ތައްޔާރުކުރާ އައު ރަންވޭގައި މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން އަޅާ ސަބް-ބޭސް އެޅުމުގެ މަސައްކަތެވެ. އައު ރަންވޭގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ދެން ކުރިއަށްދާ އަނެއް މަސައްކަތަކީ ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތެވެ. މި އޭޕްރަންއަކީ އެއަރޕޯޓުގައި އައު އިންޓަރނޭޝަނަލް ޓަރމިނަލް ހިމެނޭ ސަރަޙައްދުގައި ހަދާ އޭޕްރަންއެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިގޮތުގައި، ވެސްޓް އޭޕްރަންގެ މަސައްކަތްތަކަށް ގާތްގަނޑަކަށް ފަންސާސް ހަތްހާސް  އަކަމީޓަރުގެ ސަރަޙައްދެއް ކަނޑައަޅާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އެ ސަރަޙައްދުގެ ބިންގަނޑު ލެވެލްކޮށް، ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. ވެސްޓް އޭޕްރަންގައި ވައިޓް-ބޮޑީ އެއަރކްރާފްޓްގެ 7 ފްލައިޓަށް ފަސޭހަކަމާއެކު ޕާކްކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

އަދި މި މަސައްކަތަށް ގާތްގަނޑަކަށް 8 މަސްދުވަސް ހޭދަވާނެކަމަށާއި، އަމާޒަކީ އެއަރޕޯޓުގެ އައު ރަންވޭއާއެކު ވެސްޓް އޭޕްރަންގެ ޖާގަބޮޑުކުރުމަށްފަހު ބޭނުންކުރަން ފެށުންކަމަށްވެސް އެމް.އޭ.ސީ.އެލުން ބުނެއެވެ. ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެއަރޕޯޓުގެ ނޯތް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމާ، 2015 ވަނަ އަހަރުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އެއާއެކު އެއަރޕޯޓުގައި ރެކޯޑް ޢަދަދަކަށް ޕްރައިވެޓް ޖެޓްތައް ޕާކްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮންމެ އަހަރެއްގެވެސް އެންމެ ފަހު ކުއަރޓާއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުވެރިންގެ މެދުގައި އެންމެ ޕީކް ސީޒަންކަމަށްވެފައި، އެއަރޕޯޓަށް އޮންނަ ޑިމާންޑް އިތުރުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރުވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި ދަތުރުކުރުމަށް 35 ޕްރައިވެޓް ޖެޓް ޝެޑިއުލްކޮށްފައިވާކަމަށާއި ޑިސެމްބަރު މަހުގެ ތެރޭގައި މި ޢަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އައު ރަންވޭއާއެކު އެކީގައިހެން އެއަރޕޯޓަށް ގެންނަންޖެހޭ މައިގަނޑު ބަދަލުތައް ގެނެއުމުގެ މަސައްކަތްވެސް އެއަރޕޯޓް އޮޕަރޭޓްކުރާ ފަރާތްކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން އަންނަނީ ކުރަމުންނެވެ. އެގޮތުން އައު ރަންވޭއާއި މިހާރު ބޭނުންކުރާ ރަންވޭ ގުޅުވައިދޭ ޓެކްސީވޭތައް ތައްޔާރުކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. 

ހަމައެހެންމެ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ އައު އިންޓަރނޭޝަލް ޓަރމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.