ޚަބަރު

ޕީޕީއެމްގެ "އަސްތާ" ޖަލްސާ ބުރާސްފަތިދުވަހުގެ ރޭ ބާއްވަނީ


ޕީޕީއެމްގެ އަސްތާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. 

މީގެކުރިން މިޖަލްސާ ބޭއްވުމަށް ނިންމާފައި އޮތީ މި މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ބޭއްވުމަށް ނިންމާފައިވާ އަސްތާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި ކާނިވާ ސަރަޙައްދުގައި އޮންނާނެ ކަމަށެވެ. 

މި މަހުގެ ތެރޭގައި ޕީޕީއެމުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި މަހުގެ ތެރޭގައި އެޕާޓީން ހދ. ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު އެޕާޓީގެ ކައުންސިލް ބައްދަލުވުމެއްވެސް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި މަހުގެ 17ވަނަ ދުވަހުގެ ރޭ ޚާއްސަ ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު އެ ޖަލްސާގައި ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ ވާހަކަތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.