ދުނިޔެ

ޓެކްސަސްގެ ފައްޅިއަކަށް ދިން ޙަމަލާއެއްގައި 26 މީހުން މަރުވެއްޖެ


އެމެރިކާގެ ޓެކްސަސްގެ ފައްޅިއަކަށް ދިން ބަޑީގެ ޙަމަލާއެއްގައި ސައްބީސް މީހުން މަރުވެ، އިތުރު ވިހި މީހުން ޒަޚަމްވެއްޖެއެވެ.

ޒަމާނީ ހަނގުރާމަމަތީ ހަތިޔާރު ބޭނުންކޮށްގެން މިޙަމަލާ ދީފައިވަނީ ސައްބީސް އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށާ، އޭނާ ޙަމަލާ ދޭން ފެށުމުން ރައްދުގައި ފައްޅީގައި ތިބި މީހުން ދިން ޙަމަލާތަކުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ޓެކްސަސްގެ ފުލުހުން ވަނީ ބުނެފައެވެ.

މިޙަމަލާއާ ގުޅޭ ގޮތުން ޓެކްސަސްގެ ގަވަރނަރ ގްރެގް އެބޮޓް ވިދާޅުވެފައިވަނީ މިއީ އެސްޓޭޓުގެ ތާރީޚުގައި ދިން އެންމެ ނުރައްކާތެރި ޙަމަލާ ކަމަށެވެ.

މިމީހާ ޙަމަލާ ދިން ސަބަބެއް އެމެރިކާގެ ކަމާ ބެހޭ ވުޒާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެމެރިކާގެ ރައްޔިތެއް ދިން ޙަމަލާއަކަށްވުމުން މިޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި އެޤައުމުގެ ވުޒާރާތަކުންނާ ނޫސްތަކުން ސިފަކޮށްފައެއް ނުވެއެވެ.

އެގޮތުން، ދާދިފަހުން އެމެރިކާގެ ލަސް ވޭގަސްގައި ދިން ބަޑީގެ ޙަމަލާއެއްގައި ފަންސާސް އަށް މީހުން މަރުވި ނަމަވެސް، އެޙަމަލާއަކީ ވެސް ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެއް ނުވެއެވެ.